އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބައްދަލުވާ ޕާޓީގެ މެންބަރުންގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުގައި އެ ޕާޓީގެ ހަރަކާތްތައް ވަޅުޖެހިފައި އޮތުން ކަމަށް އެ މަގާމަށް ވާދަކުރައްވާ މީކާއީލް އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ނޫސްވެރިންނާ ބައްދަލުކުރައްވާ މީކާއީލް ވިދާޅުވީ ކެމްޕޭނުގެ ތެރެއިން އޭނާގެ ޓީމުން 55 ރަށަކަށް ދަތުރުކޮށްފައިވާ ކަމަށާއި، ހުރިހާ ރަށަކުން ވެސް އާއްމު މެމްބަރުން ހިޔާލު ހޯދާފައިވާ ކަމަށެވެ.
އެ ޝަކުވާއަށް ހައްލެއް ގެނައުމަށްޓަކައި ޕާޓީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް ކައުންސިލަރުންނާއި ޑަބްލިއުޑީސީއަށް ގައުމީ މަޖިލީހުގައި ބަސް އިއްވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ އާންމު މެންބަރުންނާއި އަދި މުޅި ޖުމްލަކޮށް ރަށްރަށުގައި ތިބޭ އާންމު ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ އެއް ބަޔަކީ އެމްޑީޕީގެ އިންތިހާބީ ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެންބަރުން. އެހެންވީމަ އެބޭފުޅުންނަށް މި ޕާޓީގެ އެންމެ އިސް އެއް ގުނަން ކަމަށްވާ ގައުމީ މަޖިލީހުގައި ބަސް ކިޔުމުގެ ޖާގަ އޮތުމަކީ އަޅުގަނޑުމެންނަށް ކޮންމެހެން ކުރަން ލާޒިމު ކަމެއް،" މީކާއިލް ވިދާޅުވި އެވެ.
މީކާއިލްގެ ބައެއް ވައުދުތައް:
- ޕާޓީގައި ޒުވާނުންގެ އިންސައްތަ އިތުރުކުރުމަށް ޕާޓީގެ އިސް ސަފުން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުން.
- ސިޔާސީ ގޮތުން ކުރިއަށް ދާން ބޭނުންވާ ޒުވާނުންގެ މަދަދުވެރިއަކަށް ވުން
- އަތޮޅު ތެރޭގައި ހަރަކާތްރެރި ޕާޓީއަކަށް އެމްޑީޕީ ހެދުން
- ޕާޓީގެ އާންމު މެމްބަރުންގެ ބަސް ވިކާ ޕާޓީއަކަށް ހެދުން.
- ރަށްރަށުގައި އެމްޑީޕީގެ ޖަގަހަތައް ހިންގުމަށް މިހާތަނަށް ދޫކޮށްފައިނުވާ ފައިސާ ދޫކޮށް، ރަށްރަށުގައި އެމްޑީޕީގެ ހަރަކާތްތައް އިތުރުކުރުމަށް މަސައްކަތްތައް ކުރުން.
- ކޮންމެ އަތޮޅަކުން ވަކި އަދަދެއް މެމްބަރުން ގައުމީ މަޖިލީހުގައި ތިބޭ ގޮތަށް ހެދުން.
މީކާއިލް ވިދާޅުވީ ރަށްރަށަަށް ކުރެއްވި ދަތުރުތަކުން އޭނާއަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިފައިވާ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ މި ޕާޓީގެ ހުންގާނު ހަވާލުކުރަން އެ ބޭފުޅުން ބޭނުންވަނީ ޕާޓީގައި ދެމިހުންނާނެ ކަމުގެ އިތުބާރު އޮތް ފަރާތަކާއޭ،"
އަންނަ މަހުގެ 12ގައި ބާއްވަން ނިންމާފައިވާ އިންތިހާބުގައި އޭނާއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.