ލ. ގަމުގައި ރޭގައި ކަރަންޓުގައި ޖެހުނު ކުޑަކުއްޖަކަށް މާލެ ގެނެސް ފަރުވާ ދޭން ފަށައިފި އެވެ. 

ފުލުހުން މިއަދު ބުނީ ގަމުގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ކަރަންޓުގައި ޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ ރޭ 11 ޖެހި ފަހުން ކަމަށެވެ.  

 މި ހާދިސާގައި އަނިޔާވި ކުއްޖާ އަށް ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ އަށް މިއަދު ހެނދުނު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެ ކުއްޖާ އަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. 

"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ،" ފުލުހުން ބުންޏެވެ.

ގަމުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ ރޭ އެ ހާދިސާ ހިނގީ އެ ރަށުގައި އީދު ކުޅިވަރު ބޭއްވުމަށް ތަނަކަށް ކަރަންޓު ދިނުމަށްޓަކައި މަގުމަތީގައި ހުރި ކަރަންޓު ފޮށްޓަކުން އެކްސްޓެންޝަން ބޯޑަކަށް ކަރަންޓު ގުޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ކަރަންޓު ޝޮކު ޖެހުމާ އެކު އެ ކުއްޖާ ހޭނެތިގެން ވެއްޓުނު ކަމަށް "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.