ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކުމުގެ އިތުރުން އެތަކެތި ބޭނުންކުރުމުގެ ފުރުސަތު ދޭ ކެފޭއެއްގެ ގޮތުގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ ތަނެއް ކޯޓުއަމުރެއްގެ ދަށުން އިއްޔެ ބަންދުކޮށްފި އެވެ.

މިއީ ޑްރަގް ކެފޭއެއް ކަމަށް ތުހުމަތުކުރެވިގެން، މާލެ ނޫން ރަށަކުން ތަނެއް ބަންދުކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތަށް ފުވައްމުލަކު މެޖިޓްރޭޓްކޯޓުގެ އަމުރަކުން ބަންދުކުރީ ފުނާޑު،  ގުލިސްތާނުގޭގައި ހުރި ތަނެއް ކަމަށެވެ.  

އެތަން ބަންދުކުރުމުގެ އަމުުރު ނެރުނީ އިއްޔެއިން ފެށިގެން 85 ދުވަހަށް ކަމަށް ވެސް ފުލުހުން ބުންޏެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ. 

ކޯޓު އަމުރުގެ ދަށުން އެގޮތަށް ބަންދުކުރާ ތަންތަނަށް އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. ފުލުހުން ބުނީ އެފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

 "...މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާނެއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެއެވެ،" އެކަމާ ބެހޭ ގޮތުން ފުލުހުންގެ ވެބްސައިޓްގައި މިއަދު ޖެހި ބަޔާނުގައި ބުންޏެވެ. 

މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި، ބޮޑު ނެޓްވޯކެއް އަތުލައިގެންފަ އެވެ.