ހިމަބިހިން ރައްކާތެރިވާން ދެ ޑޯޒު ނުޖަހާ މީހުންނަށް ހާއްސަކޮށްގެން ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެ އިދާރާގެ ޕަބްލިކް ހެލްތު ޑިރެކްޓަރު ނާޝިޔާ އަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލާފައިވާކަމަށް ކަނޑައަޅާފައިވާ ބަލި ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން، ބަލި ޖެހިފައިވާ މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން އަދި ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދެމުން އަންނަ ކަމަށް ނާޝިޔާ ވިދާޅުވި އެވެ. 

ހިމަބިއްސަށް މި އަހަރުގެ މިހާތަނަށް ނުވަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން، މި މަހު އެކަނި ވެސް ހަ މީހުންނަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. 

ނާޝިޔާ ވިދާޅުވީ އިތުރު މީހުންނަށް ޖެހުމަށް ވެކްސިން ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން މި މަސައްކަތްކުރަނީ ކުރިއަށް އޮތް ދުވަސްކޮޅު ވެކްސިން ޖަހަން، ދެ ޑޯޒު ފުރިހަމަނުކުރެވި ތިބި އާއްމު ރައްޔިތުންނަށް ވެސް ވެކްސިން ފޯރުކޮށްދެވޭތޯ އަޅުގަނޑުމެން މަސައްކަތްކުރަން ވެކްސިން ގެނެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ހިމަބިއްސާއި ރުބެއްލާއަށް ހާއްސަކޮށްގެން އެމްއާރު ވެކްސިންގެ ފުރަތަމަ ޑޯޒު ދެނީ ކުއްޖާއަށް ނުވަ މަހުގަ އެވެ. ދެ ވަނަ ޑޯޒު ދޭނީ 18 މަހުގަ އެވެ. އެ ކަވަރޭޖު ފުރިހަމަކުރުމުން ބަލި ޖެހުމުގެ ފުރުސަތު 97 ޕަސެންޓު ކުޑަކޮށްދެ އެވެ.

ނަމަވެސް، އެ ބަލި ފެތުރިގެން 2017 ވަނަ އަހަރު ވެސް ވެކްސިން ކެމްޕެއިނެއް ފެށި އެވެ. 

އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު މުހައްމަދު ހަމްޒަތު ވިދާޅުވީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރިއަސް، ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެކަމަކު، ވެކްސިން ފުރިހަމަކުރާ ފަހުން ބަލި ޖެހިއްޖެނަމަ ބޮޑުވަރު ވިޔަ ނުދީ ސަލާމަތްކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. 

އެހެންވެ، އެޗްޕީއޭއިން ވަނީ ދެ ޑޯޒު ފުރިހަމަކުރިކަން ކަށަވަރުނުވާނަމަ ވެކްސިން ޖެހުމަށް އެދިފަ އެވެ. 

ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުނުއިރު، އަވަށްޓެރި ގައުމުތަކުގައި ވެސް ވަނީ އެ ބަލި ޖެހިގެން މި ފަހުން ގިނަ ބަޔަކު މަރުވެފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ބަންގްލަދޭޝް ހިމެނެ އެވެ.