ރާއްޖޭގައި މިހާރު ފެތުރެމުންދަ ހިމަބިހި (މީސްލްސް) އެންމެ ގިނައިން ޖެހިފައިވަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށް ކަމަށާއި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުދިންނަށް ކަމަށް ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެނުނު ހިމަބިހި ކޭސްތަކުގެ ތަފާސްހިސާބު ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ އެ އަހަރު ވެސް އެންމެ ގިނައިން އެ ބަލި ޖެހުނީ ވެކްސިން ނުޖަހާ މީހުންނަށް ކަމަށެވެ.

އެއީ ހިމަބިހި ޖެހުމުގެ ފުރުސަތު އޮތް އާބާދީ ކަމަށާއި ފެންނަ ކޭސްތައް އިތުރުވެ، ފެތުރެނީ ވެކްސިން ނުޖަހާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މި ފަހުން ރާއްޖެއިން ހިމަބިހި ފެންނަން ފެށި ފަހުން 72 ކޭހަށްވެރެ ގިނައިން ފެނުނުއިރު އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތަރު ކުޑަކުދިން ކަމަށް ފައިސަލް ވިދާޅުވި އެވެ. ބާކީ ތިބި އެންމެންނަކީ ވެސް އުމުރުން 15-35 އަހަރުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ އެ އުމުރުފުރާގެ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ޑރ. ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

ރާއްޖޭން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތައް އަލުން ފެންނަން ފެށުމުން މިހާރު ވަނީ އެ ބަލިން ރައްކާތެރިވުމަށްދޭ އެމްއާރު ވެކްސިން ‏ދޭން ވެސް ފަށައިފަ އެވެ.  

މާލެ ސަރަހައްދުގައި ވެކްސިން ދެނީ:

  • އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ)
  • ހުޅުމާލެ ހޮސްޕިޓަލް
  • ސެނެހިޔާ
  • ވިލިމާލެ ހޮސްޕިޓަލް

އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ވެކްސިން ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ފަހުން، ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. އެކަމަކު، މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި މި ބަލި އިތުރުވާން ފެށުމުންނެވެ.

ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއިން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެޗްޕީއޭން ވަނީ، ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެދިފަ އެވެ. އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އެދިފަ އެވެ.