ރައްޔިތުންގެ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ އަށް ފަސްކޮށްފި އެވެ. 

މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ހެނދުނުގެ ޖަލްސާ އަށް ތާވަލް ކޮށްފައި ވަނިކޮށް، ޖަލްސާ ފެށުމުގެ ކުޑައިރުކޮޅެއް ކުރިން އޭނާ އިސްތިއުފާ ދެއްވުމާ އެކު، އެ މަގާމު ވަނީ ހުސްވެފަ އެވެ. 

އެހެންވެ، މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހެނދުނުގެ ޖަލްސާގައި އިއުލާން ކުރެއްވީ މިއަދުގެ މެންދުރު އެކެއް ޖަހާއިރު އިތުރު ޖަލްސާއެއް ބާއްވާނެ ކަމަށެވެ. ނަމަވެސް މަޖިލިހުގެ އިދާރާ އިން ފަހުން އިއުލާންކުރި ގޮތުގައި ޖަލްސާއެއް ދެން ބާއްވާނީ މާދަމާގަ އެވެ. 

އެ ޖަލްސާގެ އެޖެންޑާ އިއުލާން އަދި ނުކުރެ އެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ސުޕަމެޖޯރިޓީ ޕާޓީ ޕީއެންސީގެ އިސް މެމްބަރަކު ވިދާޅުވީ، އިތުރު ޖަލްސާއެއް ބާއްވަނީ މަޖިލިހަށް އާ ނައިބު ރައީސަކު އިންތިހާބު ކުރާށެވެ. 

މޭ 28، 2024 އިން ފެށިގެން ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގެ ޒިންމާ އަދާކުރައްވަމުން ގެންދަވާ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ 73 މެމްބަރަކު ސޮއިކުރައްވައި ހުށަހެޅީ މަޖިލީހުގެ މަސްލަހަތު ނަގާލުން ހިމެނޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވޭތީ ކަމަށް އެ މައްސަލައިގެ ގަރާރުގައި ވެ އެވެ.

އޭގެ ތެރެއިން އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ. އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.

ނަމަވެސް މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވައި ނާޒިމް ނެރުއްވި ބަޔާނުގައި ވަނީ އެ ހުރިހާ ކަމަކަށް އިންކާރު ކުރައްވައި ދޮގު ވެސް ކުރައްވައިފަ އެވެ. 

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ. މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް މިއަދު އިސްތިއުފާ ދެއްވިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ. 

މަޖިލިހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް މާދަމާ ޖަލްސާއެއް ބާއްވާއިރު މަޖިލިހުގެ ފުރަތަމަ ދައުރު އޮތީ މިއަދުގެ ނިޔަލަށް ދަންމާލައިފަ އެވެ.