މިދިޔަ ބޮޑު އީދު ބަންދުގައި ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި އޭރު ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާ ބައްދަލުކުރައްވަން ނޫން ކަމަށާއި އޭނާއާ ދައްކަވާނެ ވާހަކަފުޅެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މިދިޔަ ހަފުތާގައި ސިންގަޕޫރަށް ވަޑައިގަތީ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމުމާ އެކު، އުފެދުނު ނުތަނަވަސްކަމުގައި ނާޒިމާ ބައްދަލުކުރައްވަން ކަމަށް އިދިކޮޅު ސިޔާސީ ބައެއް އެކްޓިވިސްޓުން ވަނީ އަޑު ފަތުރައިފަ އެވެ. ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުން ހުށަހެޅުމާ އެކު އޭނާ ވަނީ އެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. އެހެންވެ، މަޖިލީހުގެ ނައިބު ރައީސް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މިއަދުގެ ޖަލްސާގައި ވަނީ އިންތިހާބުކޮށްފަ އެވެ.
މިއަދުގެ މީޑިއާ ބްރީފިން ގައި ރައީސްގެ ސިންގަޕޫރު ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ އެއީ "ދޮގުގެ ވެސް އެހެން ލެވެލްއެއް" ކަމަށެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ކުރައްވަން މާ ކުރިިއްސުރެ ރާއްވަވާފައި އޮތް ދަތުރުފުޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު [ސިންގަޕޫރަށް] ދިޔައީ ޗުއްޓީ އަށް، އަޅުގަނޑުގެ ފެމިލީއާ އެކީ ވަގުތުކޮޅެއް ހޭދަކުރަން. އަޅުގަނޑު ހުރިހާ ވަގުތެއް ހޭދަކުރީ އެކަމުގައި. އަޅުގަނޑެއް ނާޒިމްއާ އެކީގައި ދައްކާ ވާހަކައެއް، ދައްކާނެ ވާހަކައެއް ވެސް، މަޝްވަރާއެއް ވެސް ނެގޯސިއޭޝަނެއް ވެސް ނެތް، އެކަމަކާ ވިސްނާފައެއް ވެސް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރައްވަން ކުރެއްވި ދަތުރުފުޅެއް ކަމަށް ހެކިވާނެ އެތައް ބަޔަކު ތިބޭނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ބައެއް އޮފިޝަލުންގެ ނަންތައް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރާއި ހައި ކޮމިޝަންގެ އެހެން މުވައްޒަފުންނާއި އެމްއޭސީއެލްގެ މުވައްޒަފުންނަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހެކިންނެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅުވައި ފެތުރި ވާހަކައާ މެދު ނުރުހުންވެ ވަޑައިގެން ހުންނަވައި ރައީސް ވިދާޅުވީ އެއީ މިހާތަނަށް އަދި ނަމެއް ވެސް ދީފައި ނުވާ ފެންވަރުގެ ދޮގުތަކެއް ކަމަށެވެ.
"އެހެންވީމާ ދޮގުގެ ވެސް، ބުހުތާނު ދޮގަށް ވުރެ ވެސް އެހެން ލެވެލްއެއް، އެހެން ނަމެއް ކިޔަން ޖެހިއްޖެ މި އަށް. ބުހުތާނު ދޮގު [ކަމަށް] އަޅުގަނޑު ހީކުރަނީ އެންމެ މައްޗަށް ހުންނަނީ. އެ އަށް ވުރެ ވެސް މައްޗަށް މި ދިޔައީ،" ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަ އަކީ ވެސް ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހަމަ އެފަދަ ދޮގު ވާހަކައެކެވެ.