ބުކިންޑޮޓްކޮމްގެ ނަމުގައި ސްކޭމެއް ހިންގަން ފަށާފައިވާތީ އެކަމަށް ސަމާލުވުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބުކިންޑޮޓްކޮމްގެ ނަމުގައި އޮޅުވާލައިގެން ފައިސާ އަތުލަން އާ ސްކޭމް މެސެޖުތަކެއް މީހުންނަށް ފޮނުވަން ފަށާފައިވާ ކަމަށެވެ. އެއީ ރިފަންޑު ދޭން ވެގެން ކަމަށް ބުނެ ކާޑުގެ މައުލޫމާތުތައް ވަގަށް ނެގުމަށް ސްކޭމަރުން ފޮނުވާ ފިޝިން ލިންކުތަކެއް ކަމަށް އެ ސެންޓަރުން ބުންޏެވެ.
ފިޝިން ލިންކަކީ އޮޅުވާލައިގެން މީހުންގެ އަމިއްލަ އަދި ސިއްރު މައުލޫމާތު ހޯދުމަށް ބޭނުންކުރާ ލިންކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ކާކުކަން ނޭނގޭ ގޮތަށް، ބޭންކުތަކުން ނުވަތަ މަޝްހޫރު އެކި ކުންފުނިތަކުގެ ނަމުގައި ސައްހަ ލިންކެއްގެ ސިފަ ދައްކައިގެން މީހުންނަށް އޮޅުވާލުމެވެ.
ފުލުހުން ހިއްސާކޮށްފައިވާ ފޮޓޯގައި ފެންނަނީ '1474' ނަމްބަރުން، އެއީ ބުކިންޑޮޓްކޮމް ކަމަށް ބުނެ 9،600ރ. ގެ ރިފަންޑު ލިބިގަތުމަށް އެކައުންޓް ވެރިފައި ކުރުމަށް ފޮނުވާފައިވާ ލިންކެވެ. އަދި ފައިސާ ބޭނުން ނަމަ 24 ގަޑިއިރުގެ ތެރޭގައި އެކައުންޓް ވެރިފައި ކުރުމަށް މެސެޖުގައިވެ އެވެ.
ސްކޭމް ލިންކް ދެނެގަންނާނެ ގޮތް ހިއްސާކޮށް އެންޓި ސްކޭމް ސެންޓަރުން ބުނީ ރަސްމީ ބުކިންޑޮޓްކޮމްގެ ބަދަލުގައި އެ މެސެޖުގައި ވަނީ ކުރު ލިންކެއް ކަމަށާއި އަވަސް އަރުވާލުމުގެ ގޮތުން ފައިސާ އަނބުރާ ހޯދުމަށް ދީފައިވަނީ ކުޑަ ވަގުތުކޮޅެއް ކަމަށެވެ.
އެއްވެސް ކުންފުންޏަކުން ރިފަންޑް ދޭން ކާޑުގެ ނަންބަރާއި ކާޑުގެ މުއްދަތު ހަމަވާ ތާރީހް ހޯދުމަށް ލިންކް ނުފޮނުވާނެކަން ފުލުހުން ހަނދާން ކޮށްދީފައިވެ އެވެ.
އެހެންވެ، އެފަދަ ކަންކަމަށް ރައްކާތެރިވުމުގެ ގޮތުން، ލިންކުތަކަށް ނުފިތުމަށާއި އޯޓީޕީ އާއި ކާޑުގެ މައުލޫމާތު އެއްވެސް މީހަކަށް ހިއްސާނުކުރުމަށް އެދިފައިވެ އެވެ. އަދި ރަސްމީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓަށް ވަދެ، އެކަންކަން އަމިއްލައަށް ޗެކްކުރުމަށް އެ ސެންޓަރުން އެދެ އެވެ.
މި ފަހަރު އާ ސްކޭމެއް ފަށާފައިވާއިރު ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ކުންފުނިތަކުގެ ނަމުގައި ވެސް ސްކޭމް ހިންގުން ވަނީ ބޮޑުވެފަ އެވެ.