އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕެއިން ނިންމަން ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑޫގައި އެމްޑީޕީގެ ސަރުކާރަކުން ފިޔަވައި ތަރައްގީގެ ކަމެއް ކޮށްދީފައި ނުވާ ކަމަށެވެ. އަދި އިޖުތިމާއީ ރައްކާތެރިކަން ގާއިމް ކޮށްދިނުމަށް ވެސް މަސައްކަތެއް ކޮށްދީފައިވަނީ އެމްޑީޕީން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެކަނިވެރިމައިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ޔަތީމު ކުދިންނަށް އަޅާލައި އެލަވަންސް ދޭން ފެށުމާއި ކުޑަ އުޖޫރަ ދޭން ފަށާފައިވަނީ ވެސް މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުގަ އެވެ.
އެ ނޫނީ އާއްމުންނަށް ލިބުނު އިޖުތިމާއީ ރައްކާތެރިކަމެއް ނެތްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"މި އައްޑޫ ސިޓީގައިވާ އުމްރާނީ ހުރިހާ ތަރައްގީއެއް އެއީ އިތުރު ބައެއްގެ އެއްޗެއް ނޫން. އެމްޑީޕީގެ އެއްޗެއް،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާދަމާ ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު، އައްޑުއަށް ވިއްކަން އުޅުމަކީ ބަސަރާއަށް ކަދުރު ވިއްކުން ކަހަލަ ކަމެއް ކަމަށެވެ. ދެވަނަށް އެންމެ ބޮޑު އާބާދީއެއް އޮތް ސިޓީގައި އެމްޑީޕީ ރުކުވާލެވުނު އެންމެ ބޮޑު އެއް ސަބަބަކީ ސޯބެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮގަސްޓް 12، 2005 ގައި ފާހަގަކުރި "ކަޅު ހުކުރު" ދުވަހާ ގުޅިގެން ނަޝީދު ހައްޔަރުކުރި އެވެ. ޖެހިގެން އައި ދުވަހު ސޯބެ ހައްޔަރުކޮށް ޖަލަށްލި ކަމަށާއި އެގޮތަށް ފަހަރަކު މީހެއް އައްޑޫން ގެންގޮސް ޖަލަށް ލާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ދުވަސް ނަޝީދު ސިފަކުރެއްވީ އެމްޑީޕީ ފެނަށް ދިރިގެން ދިޔަ ދުވަހުގެ ގޮތުގަ އެވެ. އެކަން ކޮށްދިން އެއް ބޭފުޅަކީ، އައްޑޫގެ މޭޔަރުކަން 10 އަހަރު ފުރުއްވި ސޯބެ ކަމަށް ނަޝީދު ތަކުރާރުކުރެއްވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެ ދަނީ އޮޔާ ކަމަށާއި ދަރަނީގެ ދަންތުރައެއްގައި ޖެހެމުންދާ ކަމަށެވެ. އެހެންވެ، މަޖިލީހަށް ފޮނުވަން ޖެހޭނީ ދުނިޔޭގައި ހިނގާ ކަންތައް އެނގިވަޑައިގަންނަވާ ބޭފުޅުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް އަދި ބަދަލުވަމުންދާ ދުނިޔޭގައި ފައިތިލަ ސާބިތުކޮށްދެވޭނެ ބަޔަކަށް ހެދުމަށް މަޖިލީހުގެ ދައުރު ވަރަށް މުހިއްމު ވާތީ އެތަނަށް ފޮނުވަން ޖެހޭނީ ރާއްޖެ އަށް ވާ ގޮތް އެނގޭ، އަދި އައްޑު އަށް ހިދުމަތްކުރަން އެނގިވަޑައިގަންނަވާ އައްޑޫ މީހެއް ކަމަށް ވެސް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެ ސިފަތައް ހުރި ހަމައެކަނި ކެންޑިޑޭޓަކީ ސޯބެ އެވެ.