އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލެވޭ ގަޑި 5:00 އަށް އިތުރުކޮށްފި އެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށް އީސީން ބުނީ ހަވީރު 4:00 އާ ހަމައަށެވެ.
ނަމަވެސް އީސީން މިހާރު ވަނީ އިތުރު 1 ގަޑިއިރުދީ ހަވީރު 5:00 އަށް ވަގުތު އިތުރު ކޮށްފަ އެވެ.
އީސީއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ހަވީރު 4:00 އާ ހަމައަށް ވޯޓު ލާފައި ވަނީ 70 ޕަސެންޓު މީހުން ކަމަށެވެ. އެއީ 2899 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 1551 އަންހެނުންނާއި 1348 ފިރިހެނުންނެވެ.
އެ ދާއިރާ އަށް ވޯޓުލުމުގެ ހައްގު 4،121 މީހުންނަށް ލިބިފައިވެ އެވެ. އެއީ 2،073 އަންހެނުންނާއި 2،048 ފިރިހެނުންނެވެ.
ހިތަދޫ އުތުރު ދާއިރާގައި ވޯޓުފޮށިތައް ބަހައްޓާފައި ވަނީ ހިތަދޫ ސްކޫލްގަ އެވެ. އައްޑޫގައި އުޅޭ އެ ދާއިރާގެ މީހުންނަށް ފަސް ވޯޓުފޮށި އެ ސްކޫލްގައި ބަހައްޓާފައި ވެ އެވެ. މާލޭގައި ދިރިއުޅޭ ހިތަދޫ އުތުރު ދާއިރާގެ މީހުން ވޯޓުލަމުން ގެންދަނީ ދަރުމަވަންތަ ސްކޫލްގައި ބަހައްޓާފައިވާ ދެ ވޯޓުފޮއްޓަށެވެ.
މިއަދު ބާއްވާ ބައި އިލެކްޝަނަކީ ލޯނެއްގެ މައްސަލާގައި ޕީއެންސީގެ މެމްބަރު އަހުމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ބާއްވާ އިންތިހާބެކެވެ.
ބައި އިލެކްޝަންގައި ވާދަކުރަނީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) އަދި އިދިކޮޅު އެމްޑީޕީން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.