ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމުން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރަނީ އެމްޑީޕީ އާއި ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހު އެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލާން މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިނެވެ.
އީސީން ބުނީ އެ މުއްދަތުގައި ކުރިމަތިލީ އެމްޑީޕީގެ މެމްބަރަކާއި ޕީއެންސީގެ މެމްބަރެއް އެކަނި ކަމަށެވެ. މިއަދު ވަނީ އެ ނަންތައް ތަރުތީބުކޮށް އިއުލާނުކޮށްފަ އެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައި
- އެމްޑީޕީގެ ކެންޑިޑޭޓު ވ. ތިނަދޫ، ދިލްބަހާރުގެ، ޝުޖާއު އަލީ
- ޕީއެންސީގެ ކެންޑިޑޭޓު ވ. ތިނަދޫ، ނަޔާ، އަހުމަދު އަމަން މުހައްމަދު
ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު އަމަން މުހައްމަދަކީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.
މިފަހަރު ވެސް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ޝުޖާއު އެންމެ ފަހުން ބޭއްވި އިންތިހާބުގައި ހޮވުނީ ދަ ޑިމޮކްރެޓްސްގެ ފަރާތުންނެވެ. އޭނާ ފަހުން ގުޅުނީ އެމްޑީޕީއާ އެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުމުން މަގާމު ގެއްލޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.
އެހެންވެ، ތިނަދޫ ކައުންސިލް ރައީސްގެ މަގާމުން ޝުޖާއު ވަކިވެއްޖެ ކަމަށް ކަނޑައަޅައި، އެ ގޮނޑި ހުސްވެފައިވާކަން އީސީއަށް އަންގަން އެލްޖީއޭގެ ބޯޑު ބައްދަލުވުމުގައި ނިންމީ މިދިޔަ ޖޫން މަހުގެ 30ގަ އެވެ.
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމިއިރު، އެލްޖީއޭ އިން ވަކި ގޮތެއް ނިންމަންދެން ޖޫން މަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފަ އެވެ. އަދި ކައުންސިލް ހިންގުން ނައިބު ރައީސްއާ އޮތީ ހަވާލުކޮށްފަ އެވެ.
އޭގެ އިތުރުން ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު ހޮވުން ވެސް އެ ދުވަހު ބާއްވަ އެވެ.
އީސީން ބުނީ އަންހެނުން ކޮމެޓީގެ މެމްބަރު ކަމަށް ވާދަ ކުރާ އަމިއްލަ ކެންޑިޑޭޓު އެ ރަށު ނަޔާ، ޒީނާ އަހުމަދާއި އެމްޑީޕީގެ ފަރާތުން ވާދަ ކުރާ ކެންޑިޑޭޓް، އެ ރަށު ހަތާ، ރިސްފާ ނަސީމް ކަމަށެވެ.
ތިނަދޫ އެ ދެ އިންތިހާބު ވެސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހު އެވެ.