ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލަތަކެއްގައި ހައްޔަރުކުރި ބައެއް މީހުންނަކީ ގުރުއަތަކުން ހޮވިގެން ނަސީބުވެރިން ކަމަށް ބުނެ ބަޔަކު ރާއްޖެއަށް ފޮނުވި މީހުން ކަމަށާއި އެ މީހުން ގެނައި ތަކެއްޗަކީ ރާއްޖެއަށް ވިއްކާ މުދަލެއްގެ ސާމްޕަލް ކަމަށް ބުނެ އެ މީހުންނާ ހަވާލުކުރި ތަކެތި ކަމަށް، އޭގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ވަކީލް ކޯޓުގައި ވިދާޅުވެއްޖެ އެވެ. 

މިހެން ބުނެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި މިދިޔަ މާޗު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ މީހެއް ކަމަށްވާ ދަނޫޝްކާނދަން ބޯޕާލްގެ ވަކީލެވެ. 

މި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ދިވެއްސެކެވެ. އޭގެ ތެރެއިން ތިން މީހެއްގެ އަތުން ހަ ކިލޯއަށް ވުރެ ގިނަ ޑްރަގު ފެނިފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ.

ބޯޕާލުގެ ބަންދަށް އިތުރު 45 ދުވަސް ދީ ކޯޓުން ނެރުނު އަމުރުގައި ވަކީލާ ހަވާލާދީ ބުނެފައިވަނީ އެއީ އޮޅުވާލުމެއްގެ ތެރެއިން މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބަޔަކު ބޭނުންކުރި ބައެއް ކަމަށެވެ. ބޯޕާލް އަކީ ޔުނިވާސިޓީއެއްގައި ކިޔަވަމުން އަންނަ ޒުވާނެއް ކަމަށާއި ރާއްޖެ ގެނައީ ނަސީބުވެރިއަކަށް ގުރުއަތުން ހޮވިގެން ލިބުނު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.. 

އެ ތަކެތި ހަވާލުކުރީ ރާއްޖެއަށް ވިއްކަން ގެންނަ ސާމްޕަލްތަކެއްގެ ގޮތުގައި ކަމަށާއި އޭނާ ރާއްޖެ ފޮނުވި މީހުންގެ ތަފްސީލާއި ކަން ހިނގައި ދިޔަ ގޮތް ތަފްސީލުކޮށް ތަހުގީގަށް ކިޔައިދީފައި ވާނެ ކަމަށް ވަކީލު ބުނާ ކަމަށް އަމުރުގައިވެ އެވެ. 

އެ ބާވަތުގެ އެހެން ކޭސްތަކެއް ވެސް ހިނގަމުންދާ ކަމަށް ދިފާއީ ވަކީލު ފާހަގަކޮށް ވިދާޅުވެފައި ވަނީ މިއީ ބަޔަކު ރާވައިގެން، މައުސޫމް ކުދިންތަކަކަށް އޮޅުވާލައިގެން އެ ކުދިން ބޭނުންކޮށްގެން ހިންގަމުންދާ އަމަލެއް ކަމަށެވެ.

މިކަމާ ބެހޭ ގޮތުން ފުލުހުން ކޯޓުގައި ބުނީ މި ޕެޓާނަށް ކުށުގެ އަމަލު ހިންގާފައިވާ ހަތަރު ކޭސް އެބަ އޮތް ކަމަށާއި ނަމަވެސް ކުށުގެ އަމަލުގައި މި މީހުން ބައިވެރިވުން އޮތް ކަމަށް ބެލެވޭ ގޮތް އެ ހުރިހާ މައްސަލައެއްގައި ވެސް ތަފާތު ކަމަށެވެ. އެކަން މޯބައިލް ފޮރެންސިކް ރިޕޯޓަށް ބަލާއިރު އެނގޭ ކަމަށް ވެސް އަމުރުގައިވެ އެވެ. 

ކުރިން ފުލުހުން ދީފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ދަނޫޝްއާ އެކު ދެން ހައްޔަރުކުރީ 21 އަހަރުގެ ތިރިވިލް މަނިމަރަންގެ އިތުރުން ގދ. ގައްދޫ މީހެއް ކަމަށްވާ، އުމުރުން 28 އަހަރުގެ އަލީ އިރުފާން އެވެ. އެ ތިން މީހުން ހައްޔަރުކުރީ ރާއްޖެ އަށް ޑްރަގް އެތެރެކޮށް ވިއްކައި، ވިޔަފާރިކުރާކަމުގެ ތުހުމަތުގަ އެވެ. އޭގެ ތެރެއިން އިރުފާން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. 

މީގެ ދެވަނަ ކޭސްގައި ހައްޔަރުކުރީ އިންޑިއާއަށް ނިސްބަތްވާ 25 އަހަރުގެ ޖައިނަބު ވާޖިދު އަލީ އާއި 21 އަހަރުގެ މުހައްމަދު ނަވާޒް ދަޔަތަރު އެވެ. 

 ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި އިންޑިއާގެ މީހުން އިތުރުވެފައި ވާތީ އެ ގައުމުގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އޭޕްރީލް މަހު ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމަށް ސަމާލުވާން ވެސް އެދިފަ އެވެ. 

 އެއާޕޯޓްތަކާއި ކަނޑު ބަނދަރުތަކާއި ޓްރާންސިޓް ޕޮއިންޓްތަކުން، ދަތުރުކުރާއިރު، ގޮތް ނޭނގޭ މީހުން ދޭ އެއްޗިއްސާ ހަވާލު ނުވުމަށާއި އެ މީހެއްގެ އަމިއްލަ ދަބަސްތަކާއި ފޮށި ފަދަ ތަކެއްޗަށް އަބަދުވެސް ސަމާލުވެ ތިބުމަށް އެންސީބީން ވަނީ ލަފާ ދީފަ އެވެ.