ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ އާއިލީ ބޭފުޅުން ކައުންސިލަށް އިންތިހާބުވުމުގެ އިތުރު މައްސަލަތަކެއް ވެސް ދިމާވެފައިވާކަން އެނގިއްޖެ އެވެ.
ތ. ކިނބިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ އެއްބަނޑުއެއްބަފާ ކޮއްކޮ ވަނީ އެ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފަ އެވެ. އެހެންވެ، ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައިވަނީ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރުމަށް ފަހު ދައުރުގެ ބާކީ މުއްދަތުގައި ވެސް އެ ކައުންސިލްގައި ވަޒީފާ އަދާކުރެވޭނެ ގޮތް ހެދުމަށެވެ.
މިކަމުގެ މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވީ، އެސްޖީގެ އާއިލީ ބޭފުޅުން ކައުންސިލަށް އިންތިހާބުވުމުން އެސްޖީ އެހެން ރަށެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ނިންމައި އެންގި ނަމަވެސް ކުރީގެ ސިވިލް ސާވިސް ކޮމިޝަނުން ނިންމާފައި އޮތީ އެހެން ދިމާވާ ރަށްރަށުގައި އެސްޖީ ޒިންމާތަކުން އެކަހެރިކޮށް މަގާމުގައި ބަހައްޓާށެވެ. އެހެންވެ ލިބުނު ޝަކުވާއާ އެކު ކޮމިޝަނުން ނިންމީ ކުރީގެ ނިންމުމާ އެއްގޮތަށް އަމަލުކުރަން ކަމަށް ވަނީ އެނގިފަ އެވެ.
ކިނބިދޫ އެސްޖީގެ މައްސަލަ މީޑިއާއަށް ފެންމަތިވެފައިވަނިކޮށް އެފަދަ އިތުރު ތިން މައްސަލައެއް ވެސް މިފަހަރު ކައުންސިލަރުން ހުވާކުރުމާ އެކު އުފެދިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
އެގޮތުން، ށ.ބިލެއްފަހީގެ ކައުންސިލްގެ އެސްޖީ އާއި އަލަށް އިންތިހާބުވި ރައީސްއަކީ ދެމަފިރިންނެވެ. ހދ. ހަނިމާދޫގެ އެސްޖީއަކަށް ހުންނެވީ އަލަށް އިންތިހާބުވި ރައީސްގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ސިވިލް ސާވިސް ކޮމިޝަނުން ވަނީ އެ އެސްޖީންނަށް އެހެން ރަށެއްގެ ކައުންސިލަށް ބަދަލުވާން ނުވަތަ ދައުރުގެ ބާކީ ބައި އެހެން މުވައްޒަފަކަށް ހަވާލުކޮށް މަސައްކަތް ކުރުމަށް ފުރުސަތު ދީފަ އެވެ. ހަނިމާދޫ އަދި ބިލެއްފަހީ ކައުންސިލްގެ އެސްޖީން ނިންމީ އެ ކައުންސިލުގައި ތިބުމަށެވެ.
ހަނިމާދޫގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސެއް ހުންނެވިއިރު ބިލެއްފަހީގައި ހުންނެވީ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލްގެ ރައީސްއެކެވެ.
މީގެއިތުރުން ބ. ދަރަވަންދޫގައި މި މައްސަލަ ދިމާވި އެވެ. ނަމަވެސް، ބ. ދަރަވަންދޫގެ އެސްޖީ މިހާރު ވަނީ ބ. ތުޅާދޫ ކައުންސިލަށް ބަދަލުވާން ނިންމައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން ވަޒީފާ އަދާކުރަންޖެހޭ އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަކީ، ވަޒީފާއަށް ކުރިމަތިލާ މީހާގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވާނެ އެވެ.