ތ. ކިނބިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް އައިމިނަތު ސަހިއްޔާގެ އެއްބަނޑުއެއްބަފާ ކޮއްކޮ، މިފަހަރުގެ ކައުންސިލް އިންތިހާބުގައި ރައީސްކަމުގެ މަގާމަށް އިންތިހާބުވެފައިވާތީ، ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތުތައް އެހެން މުވައްޒަފަކާ ހަވާލުކުރުމަށް ފަހު ދައުރުގެ ބާކީ މުއްދަތުގައި ވެސް އެ ކައުންސިލްގައި ވަޒީފާ އަދާކުރެވޭނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގައިފި އެވެ. 

ކިނބިދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެ، މިދިޔަ މަހުގެ 17 ވަނަ ދުވަހު ހުވާ ކުރައްވާފައިވަނީ މުހައްމަދު ޝާފިއު އެވެ. ރަށު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުކުރި ޒުވާން ޝާފިއު އަކީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ ސަހިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. 

ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނުގައިވާ ގޮތުން ވަޒީފާ އަދާކުރަންޖެހޭ އޮފީހުގެ ޒިންމާދާރު އިސްވެރިޔާއަކީ، ވަޒީފާއަށް ކުރިމަތިލާ މީހާގެ މަންމައަށް، ބައްޕައަށް، ދަރިއަކަށް، އަންބަކަށް، ފިރިއަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ އެއްބަފާ މީހަކަށް ވެގެން ނުވާނެ އެވެ. 

އެހެންވެ ސިވިލް ސާވިސް ކޮމިޝަނުން އެކަން ބެލުމަށް ފަހު، ކައުންސިލަށް އަންގާފައިވަނީ ސެކްރެޓަރީ ޖެނަރަލްގެ މަސްއޫލިއްޔަތެއް ކަަމަށްވާ މާލީ ޒިންމާދާރުވެރިޔާގެ ޒިންމާ ކައުންސިލްގެ އިދާރީ އެހެން މުވައްޒަފަކާ ހަވާލުކުރުމަށެވެ. އަދި ސެކްރެޓަރީ ޖެނަރަލްގެ ޕާފޯމަންސް އެޕްރައިޒްކުރުން ފަދަ ކަންކަން އިދާރީ ގޮތުން ކައުންސިލްގެ ނައިބު ރައީސްއާ ހަވާލުކުރަން ވެސް ވަނީ އަންގައިފަ އެވެ.

އެގޮތަށް އިދާރީ ބަދަލުތައް ގެނެސް، ކައުންސިލްގެ ރައީސް ޝާފިއުގެ ދައުރުގެ ބާކީ މުއްދަތުގައި ސަހިއްޔާއަށް ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރެވޭނެ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

ކުރިން އެމްޑީޕީގެ މެޖޯރިޓީ އޮތް ކިނބިދޫ ކައުންސިލްގެ މެޖޯރިޓީ މިފަހަރު ލިބުނީ ވެރިކަންކުރާ ޕީއެންސީއަށެވެ. ރައީސްގެ މަގާމާއި އަންހެން މެންބަރުކަން ޕީއެންސީއަށް ލިބުނު އިރު އަނެއް ގޮނޑި އިދިކޮޅު އެމްޑީޕީއަށެވެ.