ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް ކަފިހިހުރަަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ 2ގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ރޭ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަނިޔާވީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މަގު ހުރަސްކުރި މީހާ އަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށާއި އެ މީހާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނަގެ ސިކުނޑީގެ ނާށިގަނޑަށް ވަނީ ގެއްލުން ލިބިފަ އެވެ. އެއީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅޭ މީހެއް ކަމާއި އެކްސިޑެންޓު ހިނގީ ޗުއްޓީއަކަށް އައިސް ހުއްޓާކަން ވެސް އެނގިފައިވެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.