މަޖީދީމަގު ހީނާމާގެ ޕާކިންޒޯނާ ޖެހިގެން ހުންނަ މަސްޖިދުލް ސުލްތާނުލް އާދިލް (ދެބުރި މިސްކިތް)ގެ ސައުންޑް ސިސްޓަމަށް ބޭނުންކުރާ ކަރަންޓް ކޭބަލެއް ރޭ ވަގަށް ނަގައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ވަގަށް ނެގީ އެ ތަނުގައި ބޭނުންކުރާ 50 ފޫޓުގެ ކޭބަލެއް ކަމަށެވެ. ކައުންސިލުން ބުނީ ކޭބަލް ވަގަށް ނަގާފައި ވާތީ ރޭ ފަތިސް ނަމާދުކުރީ ސައުންޑް ސިސްޓަމް ބޭނުން ނުކޮށް ކަމަށް ވެސް ބުންޏެވެ.

ކައުންސިލުން ބުނީ މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން، ކޭބަލް އަލުން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ވައްކަމުގެ މައްސަލަ ޕޮލިހަށް ވެސް ވަނީ ރިޕޯޓު ކޮށްފަ އެވެ.

މިސްކިތްތަކުން ވައްކަން ކުރުމަކީ ދޭތެރެ ދޭތެރެއިން ފާހަގަކުރެވޭ ބޮޑު މައްސަލައެކެވެ.

މިސްކިތްތަކުން ވައްކަން ކުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއްކަން ފާހަގަކުރައްވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެކަން ކުރާ މީހުން ހޯދައި، އެ މީހުންނަށް ގާނޫނީ ގޮތުން ދޭންޖެހޭ ހައްގު އަދަބު ދޭންޖެހޭނެ ކަމަށެވެ.