މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފަށް އަލުން އެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. 

ކަރެކްޝަންސްގެ ޕްރިޒަންސް ކްލަބުގެ އެކައުންޓުން ދެ ލައްކަ އަށް ވުރެ ގިނަ ރުފިޔާ އެކި އެކައުންޓުތަކަށް ޖަމާކުރި ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައި ކަރެކްޝަންސްގެ އޭސީޕީ އާސިފް ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނުގައި ބެހެއްޓުމަށް ފަހު، ވަކިކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. 

އާސިފް ވަކިކުރަން ނިންމި ނިންމުމާ ގުޅިގެން ދައުލަތާ ދެކޮޅަށް އޭނާ ސިވިލް ކޯޓުގައި ދައުވާކުރި އެވެ. އެ މައްސަލަ ކުރިއަށް ގެންދާތީ އެ މަގާމަށް އެހެން މީހަކު އައްޔަން ނުކުރަން ސިވިލް ކޯޓުން އޮތީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ. 

މި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ކަނޑައެޅީ އާސިފު މަގާމުން ވަކިކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އެހެންވެ، އޭނާ އެ މަގާމަށް އަލުން އައްޔަންކޮށް، މަގާމުން ވަކިކޮށްފައި ހުރި މުއްދަތުގެ މުސާރަ ދޭން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރުކުރި އެވެ. 

ނަމަވެސް، އެ ހުކުމާ އެއްގޮތަށް އަމަލުކުރުމުގެ ބަދަލުގައި ކަރެކްޝަނުން ވަނީ ހައި ކޯޓަށް އިއްޔެ އެ މައްސަލަ ހުށަހަޅައިފަ އެވެ. މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ. 

ޕްރިޒަންސް ކްލަބުގެ ރައީސްކަން ކުރެއްވި އާސިފަށް ހިޔާނާތުގެ ތުހުމަތުތަކެއް ފެންމަތިކޮށް މުވައްޒަފުން، ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒަރީރަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. އެކަމާ ގުޅިގެން ވަޒީފާ އިން ވަކިކުރުމުގެ ކުރިން މުސާރަ ލިބޭ ގޮތަށް އަށް މަސް ދުވަސް ވަންދެން ސަސްޕެންޝަންގައި ހުންނެވި އެވެ.