ރާއްޖޭގައި ހިމަބިހި ކޮންޓްރޯލްކުރަން އެހީވުމުގެ ގޮތުން އަވަށްޓެރި އިންޑިއާ އިން 20،000 ޑޯޒުގެ ވެކްސިން އަދި ތިން ޓަނުގެ މެޑިކަލް ސަޕްލައި މިއަދު ހަދިޔާކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ރަމްޒީގޮތުން ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އެވެ. 

މިނިސްޓްރީން ބުނީ އެމްއެމްއާރް ވެކްސިން އާއި ހިމަބިހި ޓެސްޓުކުރަން ބޭނުންވާ ކިޓް ހިމެނޭ އެ މެޑިކަލް ސަޕްލައިއަކީ ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލް ކުރަން މި ދުވަސްވަރަށް ވަރަށް ބޭނުންތެރި އެހީއެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ރާއްޖެއަށް ދިމާވާ މި ފަދަ ކަންކަމުގައި އިންޑިއާ ސަރުކާރުން އަބަދު ވެސް އެހީތެރިކަން ލިބެމުންދާތީ، އެކަން ފާހަގަކޮށް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނީ މި ވަގުތު ވެކްސިން ޖަހަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެ ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ދެ ޑޯޒު ފުރިހަމަނުކުރާ މީހުންނަށް ކަމަށެވެ. އާއްމުންނަށް ޖެހުމަށް އިތުރު ވެކްސިން ހޯދަމުންދާ ކަމަށް އޭރު ބުނެފައިވެ އެވެ.

ހިމަބިއްސަކީ ރާއްޖޭން ނައްތާލާފައިވާ ކަމަށް 2017 ވަނަ އަހަރު ޑަބްލިއުއެޗްއޯއިން ކަނޑައެޅި ބައްޔެކެވެ. އެކަމަކު އޭގެ ފަހުން ވެސް ދޭތެރެދޭތެރެއިން ބިދޭސީންގެ ގައިން އެ ބަލި ފެނެ އެވެ. ފަހުން ހާލަތު ގޯސްވީ ދިވެހިން ވެސް ހިމެނޭ ގޮތަށް މި އަހަރުގެ ތެރޭގައި 15 ކޭސް ފެނުމުންނެވެ.