ކަނޑުމަތީގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފު، ރަސްމީ އިއްޒަތުގައި މިރޭ ވަޅުލައިފި އެވެ.

އއ. އަތޮޅުގައި ރޭ ދަންވަރު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" އިން އާސިފް، 33، ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ. 

ޕޮލިސް އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އާސިފްގެ ޖަނާޒާގައި، ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ޕޮލިސް
ޕޮލިސް އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އާސިފްގެ ޖަނާޒާގައި، ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ޕޮލިސް

އެއަށްފަހު، އޭނާގެ ހަށިގަނޑު މާލެ ގެނެސް އިޝާ ނަމާދަށްފަހު ކަށުނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އަދި ރަސްމީ އިއްޒަތުގައި އާސަހަރާގައި ވަނީ ވަޅުލައިފަ އެވެ.

ޕޮލިސް އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އާސިފް ވަޅުލަން ސަންދޯއް ގެންދަނީ. -- ފޮޓޯ: ޕޮލިސް
ޕޮލިސް އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އާސިފް ވަޅުލަން ސަންދޯއް ގެންދަނީ. -- ފޮޓޯ: ޕޮލިސް

ޕޮލިހުގައި 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި އާސިފު ވަނީ އެ އިދާރާގެ މުހިއްމު އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެ، މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އޭނާ ނިޔާވިއިރު މަސައްކަތްކުރައްވަމުން ގެންދެވީ ޑްރަގް އެންފޯސްމަންޓް/ކައުންޓަ ނާކޮޓިކްސް އޮޕަރޭޝަންސްގެ އޮޕަރޭޝަންސް ޓީމް ލީޑަރެއްގެ މަގާމުގަ އެވެ.

އޭނާ ނިޔާވިއިރު އަތްބަކާއި ފިރިހެން ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.