ކަނޑުމަތީގައި ފުލުހުން ރޭ ހިންގި އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފަށް މަގާމުގެ ކުރިއެރުން ދީފި އެވެ.
ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި އާސިފް ހުއްޓާ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވަ އެވެ.
ފުލުހުން ބުނީ އާސިފަށް މަގާމުގެ ކުރިއެރުން ދިނީ އިހުލާސްތެރިކަމާ އެކު ފުލުހުންގެ ހިދުމަތުގައި އަދާކުރި ނަމޫނާ މަސައްކަތާއި މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
އޭނާ މިއަދު ވަނީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކަށް ބަދަލުކޮށްފަ އެވެ.
އެއީ މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އާސިފް އަދާކުރި އިހުލާސްތެރި ދައުރާއި އަދި ކުރި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ޝަރަފެއް ކަމަށް ފުލުހުން ބުންޏެވެ.
ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އާސިފް ނިޔާވި ހާދިސާ ހިނގި ގޮތާ ބެހޭ މައުލޫމާތު އެނގޭ މީހަކު "މިހާރު"އަށް ބުނީ އާސިފް ގެއްލިގެން ހޯދަން ފެށީ ލޯންޗްގައި ހުރެފައި ފާހާނާއަކަށް ދިޔަ ގޮތަށް ޚަބަރެއް ނުވުމުން ކަމަށެވެ.
އާސިފަކީ އއ. އަތޮޅުގައި މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ހިންގަން މާލެއިން ދިޔަ ފުލުހުންގެ ހާއްސަ ޓީމުގައި ހިމެނުނު ފުލުހެއްކަން އެނގިފައިވެ އެވެ. އޭނާ މާލޭގައި ޑްރަގް އެންފޯސްމަންޓް ޔުނިޓުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މި ހިތާމަވެރި ވަގުތު އާސިފްގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.