ފ. ނިލަންދުއަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ، އުމުރުން 100 އަހަރުގެ އަހްމަދު މޫސާ (ކަތީބު ދޮންބެ) މިއަދު އަވަހާރަވެއްޖެ އެވެ.
ފ. ނިލަންދޫ އަތިރީގޭ، ކަތީބުދޮންބެގެ 100 ވަނަ އުފަން ދުވަސް އާއިލާއިން ފާހަގަކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ކަތީބުދޮންބެއަކީ ޒަމާންތަކެއް ވަންދެން ރަށުގެ ކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ބޭރު ދަތުރުކުރި ކުޅަދާނަ މާލިމީއެއްގެ އިތުރުން އެއީ ފެހުމާއި ތެދުއިވަޑާމާއި ކެޔޮޅުކަމާއި ދިވެހި ބޭސްވެރިކަމާއި ކަށުކަމާ ކެމީގެ ކަންކަން ވެސް ކުރެއްވި ނަމޫނާ ހިދުމަތްތެރިއެކެވެ.
ކަތީބުދޮންބެގެ ތިން ކައިވެންޏަކަށް، 16 ކުދިން ލިބުނެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ 14 ކުދިންނެވެ.
ކަތީބުދޮންބެގެ ދުނިޔޭގައި ތިބި ދަރިންނަށް ދަރިން ލިބި އެ ދަރިންނަށް ވެސް ދަރިން ލިބި ބައެއް ކުދިން ނިޔާވެފައިވެ އެވެ. ކާފަ ދަރިންގެ އަދަދަކީ 72 އަށް އަރަ އެވެ. މުނިކާފަ ދަރިންގެ ގޮތުގައި 118 ދަރިން ތިބިއިރު ކަތީބުދޮންބެއަށް ހޫރުކާފަ ކިޔާ 14 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ކަތީބުދޮންބެގެ ފާހަގަކޮށްލެވޭ ދަރިންގެ ތެރޭގައި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަބްދުލް އަޒީޒް އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އަހުމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްލަތީފް އަހުމަދު (އުދަރެސް ލަތީފް) އާއި ފ. އަތޮޅު ތައުލީމީ މަރުކަޒުގައި 25 އަހަރު އަދި ގާޒީ ސްކޫލުގެ ސެން ޓީޗަރަކަށް އެތައް އަހަރެއް ވަންދެން މަސައްކަތް ކުރެއްވި އުމްނިއްޔާ އަހުމަދު ހިމެނެ އެވެ.
ކާފަދަރިންގެ ތެރޭގައި ހައި ކޯޓުގެ މީޑިއާ އޮފިޝަލް އަދި ކުރީގެ ނޫސްވެރިޔާ އަމީން ފައިސަލާއި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަންވަރު އަލީ އާއި ފަރުހާދު އިސްމާއީލް ހިމެނެ އެވެ. ކަތީބުދޮންބެއަށް މުނި ކާފަ ކިޔާ ދަރިންގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަބްދުލް ހަސީބު އިސްމާއީލް ހިމެނިވަޑައިގަންނަވަ އެވެ.