މި ސަރުކާރު ޖަވާބުދާރީ ކުރުވައި، ސަރުކާރު ބަދަލުކުރުމުގެ މަސައްކަތުގައި ބައިވެރިވާން، ސިޔާސީ ވާދަވެރިންނަށް އެމްޑީޕީގެ ޗެއާޕަސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދައުވަތު ދެއްވައިފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް، ނަޝީދު ވަނީ އިންތިހާބުކޮށްފަ އެވެ.

އެ ކާމިޔާބީ ފާހަގަކުރަން މިރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ކޮންމެ ގައުމެއްގެ ހަޔާތުގައި ވެސް، އެ ގައުމެއްގެ ހާލަތު ބަދަލުކުރުމުގެ ވަގުތު އަންނަ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން އާޓިފިޝަލް ބީޗުގައި މިރޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން އާޓިފިޝަލް ބީޗުގައި މިރޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑުމެން މިހާރު ދެކެމުން މިދަނީ އެފަދަ ވަގުތެއް ކޮޅެއް. އަޅުގަނޑުމެންނަކަށް މި ރާއްޖެ ދޫކޮށްލެވޭކަށް ނެތް. މިއީ އަޅުގަނޑުމެންގެ ގައުމު،" ނުރައްކަލާ ކުރިމަތިލައި، ގައުމާއި ރައްޔިތުންގެ މިނިވަންކަމާއި ފާގަތިކަމުގެ ހައްގުގައި އަބަދުވެސް ތެދުވާނެކަމުގެ ޔަގީންކަން ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީ އަލުން އަނބުރައި ޕާޓީގެ މެމްބަރުންނަށް ހޯދައި ދެވުމަކީ ފެށުމެއް ކަމަށެވެ. 

އެހެންކަމުން، ރާއްޖެ ސަލާމަތް ކުރުމުގައި އެމްޑީޕީގައި އަދި މުޅި ރާއްޖޭގައި ތިބި ޒުވާނުން ތެދުވެ، އާދީއްތަ ދުވަހުން ފެށިގެން އެ މަނިކުފާނު ފައްޓަވައި މަސައްކަތުގައި ބައިވެރިވުމަށް ވެސް ނަޝީދު ގޮވައިލެއްވި އެވެ.

"އަޅުގަނޑުގެ ހުރިހާ ސިޔާސީ ވާދަވެރިންނަށް ވެސް ގޮވައިލަން ވަޑައިގަންނަވާށޭ. ވަޑައިގެން، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކޮށް، މި ސަރުކާރު ޖަވާބުދާރީކޮށް، އަދި ސަރުކާރު ބަދަލުކުރުމުގެ ހުރިހާ މަސައްކަތްތައް ވެސް މިރެއިން ފެށިގެން ކުރިއަށް ގެންދަންވީ. ކުރަމުން ގެންދަންވީ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި އިންތިހާބުގެ ތެރެއިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން އެމްޑީޕީއަށް ތާއީދުކޮށްގެން މަސައްކަތްކުރި މީހުންނާ މެދު ވަރަށް ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން އާޓިފިޝަލް ބީޗުގައި މިރޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން އާޓިފިޝަލް ބީޗުގައި މިރޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އަޅުގަނޑު ސަރުކާރަށް ގޮވާލަން، ތިޔަ ބޭފުޅުން މާދަމާ ރަނގަޅު ކުރައްވާށޭ. ނޫން ނަމަ އަޅުގަނޑުމެން ނުކުންނާނަން. އަޅުގަނޑުމެން މާލޭގައި ހުރި އެ ކުންފުނިތަކުގެ ހެޑް އޮފީސްތައް އޮކިއުޕައި ކުރާނަން،" ނަޝީދު އިންޒާރު ދެއްވި އެވެ. 

"އަޅުގަނޑުމެން ދާނީ ސީދާ ހަރަކާތަށް. އަޅުގަނޑުމެން ތިބޭނީ ބަލަ ބަލާ. ސީދާ ހަރަކާތަށް ދާން އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ތައްޔާރަށް."

ނަޝީދު މިރޭ ވަނީ އެ މަނިކުފާނާ ވާދަކުރައްވައި، ނާކާމިޔާބުވެވަޑައިގެންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ވެސް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މި އިންތިހާބުގެ ތެރޭގައި މީކާއިލް ކުރެއްވި މަސައްކަތާއި ދެއްކެވި ހިތްވަރު، މިސާލެއްގެ ގޮތުގައި އެހެން ޒުވާނުން ބަލަންޖެހެ އެވެ. 

މީގެ ތިން އަހަރު ކުރިން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އަދި ޕާޓީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ނަޝީދު ވަނީ ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. ނަމަވެސް ދެ އަހަރަށް ފަހު އެ މަނިކުފާނު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން 23 ގަ އެވެ. 

މި އިންތިހާބު ނަޝީދު ކާމިޔާބު ކުރައްވާފައިވަނީ، "ބޮޑު ބަދަލު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައި، އެމްޑީޕީ އަނެއްކާވެސް "ވަރުގަދަ" ކުރައްވާނެކަމުގެ ވައުދާ އެކު އެވެ.

ނަޝީދުގެ "ބޮޑު ބަދަލު" އިއުލާނު ކުރައްވާފައިވަނީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާ ގުޅިގެންނެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން އާޓިފިޝަލް ބީޗުގައި މިރޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނަޝީދު ކާމިޔާބު ކުރެއްވުމުން އާޓިފިޝަލް ބީޗުގައި މިރޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ދެ ބޭފުޅުން އޭރު ވިދާޅުވެފައިވާ ގޮތުގައި، ޗެއާޕާސަންކަމަށް ނަޝީދު ކުރިމަތިލެއްވީ، 2028ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމްޑީޕީއަށް އަލުން ވެރިކަން ހޯދައި ދިނުމަށެވެ.

އަދި ފައްޔާޒްގެ ވެރިކަމެއްގައި، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ބަދަލު ކުރުމުގެ ވިސްނުން ވަނީ ހާމަކުރައްވައިފަ އެވެ. 

އެހެން ނަމަވެސް ބަރުލަމާނީ ނިޒާމުގައި އަމަލުކުރާ ގޮތާ ހިލާފަށް، ނަޝީދާއި ފައްޔާޒްގެ ޕްރޮޕޯސަލްގައި އޮތީ ސަރުކާރުގެ ވެރިޔާ ވެސް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ގޮތަަށެވެ. 

އަދި ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ހޮވުމަށް ތާއީދު ކުރައްވާނެ ކަމަށާއި އަދި ދައުލަތުގެ ވެރިއަކަށް ޝައުގުވެރިވެވަޑައިގަންނަވާކަން ނަޝީދު ވަނީ ހާމަކުރައްވައިފަ އެވެ.