ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެންދާނެ އަންދާޒާއެއް ވެސް މަރުަކަޒީ ބޭންކު، އެމްއެމްއޭ އަށް ނޭނގޭ ކަމަށާއި ޑޮލަރު ރޭޓާ ގުޅޭ މައުލޫމާތު އާންމުންނާ ހިއްސާ ކުރަމުން ގެންދިއުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، "ދަތިވެއްޖެ" ނަމުގައި އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގަ އެވެ.
ނަޝީދު ވިދާޅުވީ، "ޑޮލަރު ނެތެމުން ދިޔަ މިންވަރަކަށް" ޑޮލަރުގެ އަގު އުފުލޭނެ ކަމަށެވެ.
"ރާއްޖެ އިން ޑޮލަރުން ކުރަންޖެހޭ ހަރަދުތައް ވަރަށް ބޮޑު. ތެލަށް އެކަނި މަހެއްގެ މައްޗަށް ސަތޭކަ މިލިއަން ޑޮލަރު އެބަ ހަރަދު ކުރާންޖެހޭ. ކާނާ އަށް ކުރާންޖެހޭ ހަރަދު މަދެއް ނޫން، ކާޑަށް ކުރަންޖެހޭ ހަރަދު. ބޭހަށް ކުރާންޖެހޭ ހަރަދު މަދެއް ނޫން. އަދި އެ ނޫން ވެސް އިމްޕޯޓުތަކަށް މި ޖެހެނީ ޑޮލަރު ހަރަދު ކުރަން،" ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ޑޮލަރުގެ އަގު މައްޗަށް ދާ ވަރަކަށް ތަކެތީގެ އަގު އުފުލެމުންދާކަން ސާފެވެ. އޭގެ ނަތީޖާއަކީ ގައުމުތަކުގެ ތަޖުރިބާ އަށް ބަލާއިރު ރާއްޖެ ހިފާފައި ވަނީ "ހައިޕާ އިންފްލޭޝަން" އާ ދިމާލަށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދަރަނި 130 ޕަސެންޓަށް އިތުރުވެފައިވާއިރު އެ ރީ-ސްޓްރަކްޗާ ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭ ކަމަށެވެ.
އެކަންކަމާ ހެދި ޑޮލަރުގެ އަގު މިހާރު މިސްރާބު ހިފާފައި ހުރީ ނަޝީދު ވިދާޅުވި ގޮތުގައި 23ރ. އަށެވެ.
"... މީގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މައްޗަށް އަރައިގެން ދާނެ މިންވަރެއް ވެސް ހަގީގަތުގައި މި ސަރުކާރަށް، އެމްއެމްއޭއަކަށް އަންދާޒާކުރެވޭކަށް މިހާރަކު ނެތް،" ނަޝީދު ވިދާޅުވި އެވެ.
ޑޮލަރުގެ ހާލަތާ ގުޅޭގޮތުން އާއްމުންނަށް މައުލޫމާތު ހިއްސާކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޑޮލަރު ނެތް ވަރަކަށް އޭގެ އަގު އަރައިގެންދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ހަގީގަތް އޮޅުވާލަން އުޅޭ މިންވަރަކަށް އޭގެ އަގު ވެސް ދާނީ ބޮޑުވަމުން ކަން ފާހަގަކުރެއްވި އެވެ.
އެ ކަންބޮޑުވުންތަކާ ހެދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ފާޑުވިދާޅުވެ، ނަޝީދު ވަނީ "ޓިކްޓޮކް ކުޅެން ނޫޅުއްވައި" މައްސަލަތައް ހައްލުކުރަން އުޅުއްވުމަށް ގޮވާލައްވައިފަ އެވެ.
އެކަމުގެ ތެރެއިން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19ރ. އަށް ތިރިކޮށް އެކަމަށް މަގުފަހިކުރަން އެމްއެމްއޭ އިން ކޮމާޝަލް ބޭންކުތަކަށް ޑޮލަރު ވިއްކުމަށް ނަޝީދު ގޮވާލެއްވި އެވެ.
ނަޝީދު ވަނީ ރިސޯޓުތަކުގެ އާމްދަނީގެ 20 ޕަސެންޓު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް ފޮރެކްސް ގާނޫނަށް ގެނައި އިސްލާހަށް ފާޑުވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ރިސޯޓުތަކަށް ލިބޭ ފައިދާއިން އެ ވިޔަފާރިވެރިޔަކު ބޭނުން ގޮތަކަށް ހަރަދުކުރުމުގެ އިހުތިޔާރު އޮންނަން ޖެހޭނެ ކަމަށާއި އެކަމަށް ސަރުކާރުން ބަދަލު ގެންނަ ނަމަ ޓޫރިޒަމް ދާއިރާ އަށް ލޮޅުންއަރާނެ ކަމަށެވެ.