ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19ރ. އަށް ތިރިކުރަން އެމްޑީޕީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ. 

އެ ޕާޓީން ބޭއްވި ޕްރެސް ކޮންފަރެސްގައި ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މޫސުން ގޯސްވިއަސް އިދިކޮޅު ޕާޓީގެ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ގައުމަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރަން ޑިމާންޑުތަކެއް އެ މުޒާހަރާގައި ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

އޭގެ ތެރޭގައި، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ޑޮލަރުގެ ރޭޓު 19ރ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި 17ރ. އަށް ތިރިކުރުން ހިމެނެ އެވެ. 

"އެ 17ރ. އަކީ މި ބޭފުޅުން ސަރުކާރާ ހަވާލުވިއިރު އޮތް މިންވަރަށް،" ނަޝީދު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި ޑޮލަރުގެ ރޭޓު ދަށްކުރެވޭނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އެ ފިޔަވަޅުތަކަކީ އިގުތިސާދީ އިލްމުގައި ދިރާސާތަކާއި ރޭވުންތަކާއެކު ކުރާ ކަންކަން ކަމަށާއި ސަރުކާރުން އެ މަސައްކަތް ނުކޮށް ޑޮލަރުގެ އަގު އަރަން ދޫކޮށްލާފައި އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބާޒާރުގައި ތަކެތީގެ އަގުތައް ވެސް އެމްޑީޕީން ކޮންމެ ހަފުތާއަކު ބަލަމުން އަންނަ ކަމަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަސް އަދި އިއްޔެއާ ދޭތެރޭގައި އަގުތައް އުފުލިފައި އެބަހުރި ކަމަށާއި ފިޔާ ކިލޯއަކުން ވެސް 2ރ. އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. 

އެ ނަމްބަރުތަކަށް ބަލާއިރު އެންމެ ބޮޑަށް އުފުލިފައިވަނީ ފެރީގެ އަގު ކަމަށާއި އެކަން ގުޅިފައި ވަނީ ހަމައެކަނި ޑޮލަރާ ނޫން ކަމަށް ވިދާޅުވި އެވެ. އެއާ އެކު، ރާއްޖޭގެ އިގްތިސާދުގެ މިސްރާބު ހުރި ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. 


"..ލޯނު ރީ-ސްޓްރަކްޗާ ނުކުރުމަކީ ޑޮލަރުގެ އަގު މައްޗަށްދާ އަނެއް ސަބަބު. ޑޮލަރުގެ ބޮންޑެއް ނުވަތަ ލޯނެއް ހޯދައި އިގްތިސާދަށް ޑޮލަރު ގެނެވެން ނެތް ކަމަކީ ވެސް ސަބަބެއް،" ނަޝީދު ވިދާޅުވި އެވެ.

ޑޮލަރުގެ ރޭޓު މަތިވަމުން ގޮސް މިހާރު ވަނީ 22ރ. އަށް އަރައިފަ އެވެ. އެކަން ހައްލުކުރަން ސަރުކާރުން ވަނީ ފޮރެކްސްގެ ގާނޫނަށް އިސްލާހު ގެނެސް، ރިސޯޓުތަކުގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓު ބޭންކަށް މާރުކުރަންޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފަ އެވެ. 

އެކަމާ ގުޅުވައި ނަޝީދު ވިދާޅުވީ އަމިއްލަ ވިޔަފާރީގެ ތެރެއަށް ސަރުކާރުން އެ ދަރަޖައަށް ވަދެ އަދި ގާނޫނުތައް ހަދާ ނަމަ ވިޔަފާރިވެރިން ފަހަތަށް ޖެހި، ރާއްޖެއަށް އަންނަ އިންވެސްޓުމަންޓުތައް މަޑުޖެހޭނެ ކަމަށެވެ.

"މިހާރު އިންވެސްޓުމަންޓުތައް ކޮށްގެން ތިބި ފަރާތްތައް ވެސް ކަންބޮޑުވުން އިތުރުވާނެ. މިއީ ވެސް ވަރަށް ވިސްނަންޖެހޭ ކަމެއް. އަޅުގަނޑުމެން ޑޮލަރު މަދުވެގެން، ޑޮލަރު ހޯދަން އުޅޭ ގަޑީގައި އަތުޖެހުނު ތަނަކުން ޑޮލަރު ހޯދުން އެއީ ރަނގަޅު ވިސްނުމަކަށް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެކޭގޮތުގައި ރިސޯޓުފަހަރުގެ ވިޔަފާރިތަކަށް ދަތިވާ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފި ނަމަ މި ޓޫރިޒަމް އިންޑަސްޓްރީއަށް ލިބިދާނެ ގެއްލުން މާ ބޮޑު." 

އެ ކަންބޮޑުވުންތައް ހިއްސާކުރަން އެމްޑީޕީން މުޒާހަރާކުރަން ނިންމާފައިވަނީ މާލޭގެ މަޖީދީމަގުގަ އެވެ. ނަމަވެސް، މަޖިލީހުގެ އިއްޔެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މަޖީދީމަގުގައި މުޒާހަރާނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ މުޒާހަރާ ބާއްވަން ފުލުހުންގެ ގްރައުންޑު ކޮމާންޑަރުންނާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެ އިދާރާއާ އެމްޑީޕީއާ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި މަޖީދީ މަގުގައި މުޒާހަރާކުރަން ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް އަޑު އިއްވުމަށް ކަމަށް ވިދާޅުވި އެވެ. 

"އެ މީހުންނަށް ދަތިވާ ކަމެއް ކުރާކަށް ނޫޅެން....ގްރީން ޒޯނަކު ނޫން މުޒާހަރާ ކުރަނީ. މަޖީދީ މަގުގައި މުޒާހަރާކުރަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފުލުހުންނާ ވާހަކަ ދައްކަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުގައި ހޯމް މިނިސްޓަރު އަލީ އިހުސާން، ފުލުހުން ކަން ނިންމާނެ ގޮތް އިއުލާން ކުރެއްވުމަކީ މިނިސްޓަރުގެ މަސްއޫލިއްޔަތުގައި ނުހިމެނޭ އަދި ފުލުހުންގެ ކަންކަމުގެ ތެރެއަށް ވަނުން ކަމަށެވެ. ސިޔާސީ މީހުންނަކީ ފުލުހުންގެ ޕްރޮފެޝަނަލް މީހުންނަށް ގޮތް ކިޔުމުގެ ފުރުސަތު އޮތް ތަނެއް ނޫން ކަމަށާއި ވިސްނާނީ ފުލުހުންގެ ކަންބޮޑުވުމަށް ކަމަށެވެ.

"...ފުލުހުންގެ ބަހަށް ބަލާނީ އަދި އެއީ ސިޔާސީ ބަހަކަށް ވިއްޔާ އެކަން ގަބޫލުކުރަން އުނދަގޫވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.