ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައި ވާތީ އެ ސަރަހައްދަށް މޫދަށް ނޭރެން މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅިފައިވާތީ އެ ސަރަހައްދު ވަގުތީ ގޮތުން ބަންދު ކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދު ސާފުކޮށް ނިމެންދެން މޫދަށް ނޭރުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރަސްފަންނު މޫދަށް ކަޅުތެޔޮ އެޅުނު ގޮތެއް އަދި ނޭނގެ އެވެ.
ބޮޑަށް ބެލެވެނީ ކަނޑަށް އެޅިފައި ހުރި ތެޔޮތަކެއް އޮޔާ އެކު ރަސްފަންނު ސަރަހައްދަށް އައީ ކަމަށެވެ. މީގެ ކުރިން ވެސް އެ ސަރަހައްދު މޫދުގެ ބައެއް ހިސާބުތަކުގައި ތެޔޮ ހުރެގެން ބަންދުކޮށް، ސާފުކޮށްފައިވެ އެވެ.
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކޮށް، އަލުން ހުޅުވީ މިދިޔަ ހުކުރު ދުވަހު އެވެ.
އެތަން މަރާމާތުކުރުމުގެ މަޝްރޫއު ކުރިއަށްގެންދިޔައީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.