"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ހައުސިން މިނިސްޓްރީން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް މިރޭ ދިމާވި މައްސަލައާ ގުޅިގެން، އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މިރޭ 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
މިނިސްޓްރީން ބުނީ ދިމާވި ޓެކްނިކަލް މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.
ބޯހިޔާވަހިކަން ޕޯޓަލްގެ ހިދުމަތް މެދުކެނޑުނީ އެ ޕޯޓަލް މެދުވެރިކޮށް ފްލެޓާއި ގޯއްޗަށް އެދި ފޯމް ހުށަހަޅަން ހުޅުވާލި މުއްދަތު މިރޭ 12:00 ގައި ހަމަވާން ދެ ގަޑިއެއްހާއިރަށް ވެފައި ވަނިކޮށެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ ވަގުތު މީގެ ކުރިން އެކި ސަބަބުތަކާ ހެދި ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން މެއި 31 ގައި އެ ފުރުސަތު ހަމަވާ ގޮތަށް އޮތުމަށް ފަހު މިރޭ 11:59 އާ ހަމައަށް އެ ފުރުސަތު އިތުރުކޮށްދިނީ އަޟްހާ އީދުގެ ބޮޑު ބަންދާ ގުޅިގެންނެވެ.
ސަރުކާރުން ކުރިއަށް ގެންދާ "ބޯހިޔާވަހިކަން އެންމެނަށް" ގެ ދަށުން މިދިޔަ ޖެނުއަރީ މަހުގެ 18 ގައި ހުޅުވާލި "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި 7،900 ފްލެޓާއި 1،250 އަކަފޫޓުގެ ޖުމްލަ 15،000 ގޯތި ދޫކުރަން ވަނީ ނިންމައިފަ އެވެ.
ފްލެޓް ދޭން ސަރުކާރުން ކަނޑައަޅާފައި ވަނީ މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓާއި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފްލެޓުގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ 2،400 ފްލެޓެވެ.
ބޯހިޔާވަހިކަމަށް ހައްލެއް ހޯދަން މިހާރު ހިއްކަމުން އަންނަ ރަސްމާލެއިން 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ. އެކަމަކު ފުރަތަމަ ބުރުގައި އެތަނުން ދޫކުރަނީ 15،000 ގޯއްޗެވެ.