ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއް ފާސްކޮށް އޭގެ ތެރެއިން 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ކަނޑުމަގުން ރާއްޖެ ގެނައި ޝިޕްމަންޓެއް އިއްޔެ ފާސްކޮށް އޭގެ ތެރެއިން 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގެ ވީޑިއޯއެއް ވެސް ކަސްޓަމްސް އިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
"މި އޮޕަރޭޝަންގައި 'ޖެނެރަލް ކާގޯ'ގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ޝިޕްމަންޓެއް ބަލައިފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައި. މިގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖު ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައި،" ކަސްޓަމްސް އިން ބުންޏެވެ.
ނަމަވެސް، އެއީ ކޮން ގައުމަކުން ގެނައި، ކޮން ބަޔަކު އެތެރެކުރަން އުޅުނު ތަކެއްޗެއް ކަމެއް ކަސްޓަމްސް އިން ބުނެފައެއް ނުވެ އެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް ވެސް އަދި ނުދެ އެވެ.
ކަސްޓަމްސް އިން މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ވަނީ ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 1،940 ވޭޕް ކާޓްރިޖު މިިދިޔަ އެޕްރީލް މަހު ވެސް ކަސްޓަމްސް އިން އަތުލައިގެންފައިވެ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި އެ ބޭނުންކުރުން މަނާކުރީ ޑިސެމްބަރު 15، 2024 ގަ އެވެ. އަދި ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައެޅި އެވެ. އޭގެ ފަހުން އެކި ފަހަރު މަތިން، ގަވާއިދާ ހިލާފަށް ރާއްޖެއަށް ވޭޕް އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވެ އެވެ.