ބޮޑުތަކުރުފާނު މަގުން ޖުމްހޫރީ މައިދާން ސަރަހައްދުގެ އެމްޓީސީސީ ފެރީ ޓާމިނަލުން ފެށިގެން ޖުމްހޫރީ މައިދާން ސަރަހައްދާ ހަމައަށް ޒަމާނީ ފެންވަރަށް މަގު ހަދަން މިހާރު ބަންދުކޮށްފައިވާތީ، މާލޭގައި އެންމެ ޓްރެފިކް ބޮޑު ދެ މަގު ކަމަށްވާ މަޖީދީ މަގާއި އަމީރުއަހުމަދު މަގުގައި ގަވާއިދާ ހިލާފަށް ޕާކު ކޮށްގެން އިއްޔެ 17 ސައިކަލެއް ޓޯކޮށްފި އެވެ. 

ބަސްތައް ދަތުރުކުރާ މަގުތަކާއި ހާއްސަކޮށް މަޖީދީ މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމަށް ބުނީ އިއްޔެ ހަވީރު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ މަޖީދީ މަގާއި އަމީރުއަހުމަދު މަގުގައި ގަވައިދާ ހިލާފަށް ޕާކް ކޮށްފައިވާ 17 ސައިކަލު އިއްޔެ ޓޯކުރި ކަމަށެވެ. 

މި ދުވަސްވަރު މަޖީދީ މަގާއި އަމީރުއަހުމަދު މަގުގެ ޓްރެފިކް އެންމެ ބޮޑަށް ތޮއްޖެހޭ ސަބަބަކީ، ބޮޑުތަކުރުފާނު މަގު ހަދަމުންދާތީ ގިނަ ވެހިކަލްތަކެއް އެ ދެ މަގަށް ޑައިވާޓް ކުރާތީ އެވެ. އެ ހާލަތުގައި ވެސް ދެ ފަޅީގައި ވެހިކަލްތައް ޕާކް ކުރަމުންދާތީ އޭގެ އުނދަގޫ އެތައް ބަޔަކަށް ކުރިމަތިވެ އެވެ. 

ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ޓޯ ކުރުމުގެ މަސައްކަތް އެކި ދުވަސްވަރު ފުލުހުން ކުރެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ވަނީ ދެފުރޮޅުލީ އުޅަނދުތަކާއި ހަތަރު ފުރޮޅުލީ އުޅަނދު ވެސް ޓޯ ކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް ޕާކުކޮށްގެން ޓޯ ކުރާ އުޅަނދު 750ރ. އިން ޖޫރިމަނާ ކުރެ އެވެ. އަދި ސައިލް އަނބުރާ ލިބޭނީ 48 ގަޑިއިރު ފަހުންނެވެ.