ހުޅުމާލެ ދޭއްގައި އިމާރާތް ކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަން އެ ކުންފުނިން ނިންމައިފި އެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "މިހާރު" އަށް މިއަދު ވިދާޅުވީ އަމާން ދޯދީގެ 16 ވަނަ ޓަވަރު ކައިރީގައި ކޮމާޝަލް އިމާރާތެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ކަނޑޫފާ އިންވެސްޓްމަންޓާ ކަމަށެވެ.
ޖުމުލަ 18 ބުރިއަށް އިމާރާތްކުރާ އެ ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއް ކުރަނީ އެ މަޝްރޫއު ހިންގާ ކުންފުނިން ކަމަށް ހަމްދާން ވިދާޅުވި އެވެ. އެކަމަކު މަޝްރޫއު ފަށާނެ ސީދާ ތާރީހު އަދިއެއް ނޭނގެ އެވެ.
އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރި އެފްޑީސީގެ ޓަވަރުތަކުގެ ތިރީގައި ހިޔާ ފްލެޓުގައި އޮންނަ ގޮތަށް ޕާކިން ޖާގައެއް ނޯވެ އެވެ. އެކަމަކު މި މަޝްރޫއުގެ ދަށުން އެ މީހުންނަށް ވެސް ޕާކިން ޖާގަ ލިބޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަލަށް އަޅާ އިމާރާތުން ކޮމާޝަލް އޮފީސް ޖާގަ ލިބުމުގެ އިތުރުން އެފްޑީސީގެ ހެޑް އޮފީސް ހިންގުން ވެސް އެ ތަނަށް ބަދަލުކުރެވޭނެ އެވެ.
ހަތަރު ހާސް މީހުންނަށް ދޫކޮށްފައިވާ ފަހި ފްލެޓުތައް ޑިޒައިންކޮށްފައި ވަނީ އެންމެ ތިރީގައި ފިހާރަތަކާއި ރެސްޓޯރަންޓު ހިންގާނެ ޖާގަ ވެސް ނުހިމަނަ އެވެ.