ކުރިން ރަނގަޅު އަގެއް ލިބެމުން އައި ބާވަތެއް ކަމަށްވާ  ބޮޑުކަންނެލި ކިރާ އަގު ދަށަށް ދިޔައީ ސަރުކާރުގެ މަސްކުންފުނި މިފްކޯ، އެ ވިޔަފާރިއާ ދުރަށް ދިއުމުން ކަމަށާއި ބޮޮޑުކަންނެއްޔަށް ރަނގަޅު އަގެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާނީ މަސްވެރިންގެ ވެސް ބައިވެރިވުމާ އެކުގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ މިސަރުކާރު އައި އިރުގައި މިފްކޯ އިން ބޮޑުކަންނެލި ގަތުން އޮތީ ހުއްޓާލާފައި ކަމަށާއި މިހާރު މަސައްކަތް ކުރަމުން އަންނަނީ ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަނބުރާ ގެންނަން ކަަމަށެވެ. އެ ވިޔަފާރީގައި މިފްކޯ އިިން ހާސިލުކުރާ ކަންތައްތައް އިތުރު ކުރަން މަަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"[ބޮޑުކަންނެލ؛ި ވިޔަފާރި] ހަމަ ވަރަށް ބޮަށް ޕްރައިވެޓް ސެކްޓާގެ ތެރޭގައި މި އޮތީ  އޭގެ [މިފްކޯއިން  ބޮޑުކަންނެލި ގަތުން ހުއްޓާލުމުގެ] ނަތީޖާއެއްގެ ގޮތުން. އެކަމުގައި މަސްވެރިންނަށް ކޮމްޕެޓިޓިވް އެޖެއް [ވާދަވެރި ބާޒާރެއް] ލިބޭނީ ވެސް އަޅުގަނޑު ގަބޫލުުކުރަނީ މިފްކޯ މީގެ ތެރޭގައި ހަރަކާތްތެރި ވެގެން ކަމަށް. އަދި އެންމެ ރަނގަޅު އަގު ދެވޭނީ ވެސް [މިފްކޯ] އެ ހިސާބަށް ގެންދެވިގެން ކަމަށް،"

"އެހެންވީމާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން، ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ ވެސް ބައިވެރިވުމާ އެކީގައި."

ބޮޑުކަންނެލި މަސްވެރިން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ބޮޑުކަންނެލި މަސްވެރިން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އިހުތިޖާޖުކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ބޮޑުކަންނެލީގެ ވިޔަފާރީގައި މިފްކޯ ހަރަކާތްތެރިވާ ނަމަ ބޮޑުކަންނެއްޔަށް ކުރިން ލިބުނު އަގު ހޯދުމަކީ ހާސިލުކުރެވޭނެ ކަމެކެވެ.

ރޯމަހުގެ ގޮތުގައި ބޮޑުކަންނެލި އެކްސްޕޯޓްކުރަން މިފްކޯއިން ހިންގި ކަނޑުއޮތް ގިރީގެ އޮޕަރޭޝަން ހުއްޓާލައި އެ ކުންފުނިން އެ ވިޔަފާރި މުޅިން ދޫކޮށްލާފައި ވަނިކޮށް، މިފްކޯއަށް  ބޮޑުކަންނެލި އަލުން ގަންނަން ފެށީ މި ފަހުންނެވެ. ފެލިވަރު ކޭނިން ފެކްޓްރީ އާއި މިފްކޯގެ އެހެން ބައެއް ސެންޓަރުތަކަށް ވެސް އެ ބާވަތް ގަންނަން ފެށީ މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން ކުރި ކަނޑުމަތީގެ އިހުތިޖާޖަށް ފަހުގަ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމްކުރި އެ އިހުތިޖާޖަށް ފަހު ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އެ ޔޫނިއަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. 

އޭގެ ފަހުން މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފެށި ނަމަވެސް އެ ކުންފުނިން އަދި ވެސް ބޮޑުކަންނެލި ކިލޯއަކަށް ދޭ އެންމެ މަތީ އަގަކީ 25ރ. އެވެ.