ރާއްޖޭގެ ބޮޑު ބަޔަކަށް ޔޫޓިލިޓީ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން މިހާރަށް ވުރެ ޒިންމާދާރުކުރުވަން ހާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
"އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި އިއްޔެ ފެށި އެ ޕްރޮގްރާމް ފަރުމާކޮށްފައިވަނީ އެ ކުންފުނީގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ އިރުޝާދުތައް ފޯރުކޮށްދިނުމަށާއި މުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި ސުލޫކު އިސްލާހުކޮށް ހަރުދަނާ ކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
"...މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފެނަކައިގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ވަރަށް ފުޅާ ހަރަކާތެކެވެ،" ތަމްރީނު ޕްރޮގްރާމާ ގުޅޭ ގޮތުން ފެނަަކައިން ސޯޝަލް މީޑިއާގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުންޏެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުަހައްމަދު އަފީފް ހަސަން "މިހާރު" އަށް ވިދާޅުވީ ފެނަކަ އިންސްޓްޓިއުޓް ފޯ ޓްރެއިނިން އެންޑް ރިސާޗާއި ޖަމިއްޔަތުއް ސަލަފްގެ "އުޔޫން އިންސްޓްޓިއުޓް" ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ވަޒީފާ އަދާކުރުމުގައި މުވައްޒަފުން އަދާކުރަންޖެހޭ ޒިންމާއަކީ ދީނީ ގޮތުން ކިހާވަރެއްގެ ކަމެއް ކަމާ ގޮތުން ހޭލުންތެރިކުރުވައި މިހާރަށް ވުރެ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށެވެ. އޭގެ އިތުރުން މަސައްކަތުގެ އަހުލާގާއި ވަޒީފާ އަދާކުރުމުގައި މުހިއްމު އެހެން ބައެއް ކަންތައްތައް ވެސް އެ ޕްރޮގްރާމްގައި ކިޔަވައިދޭނެ އެވެ.
"ފެނަކަ އަކީ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ތިބި ކުންފުންޏަކަށް ވާތީ އެ މުވައްޒަފުންނަކީ ޒިންމާދާރު ބަޔަކަށް ހަދަން އަަޅުގަނޑުމެން މި ޕްރޮފްރާމް ކުރިއަށް މި ގެންދަނީ. މުވައްޒަފުންގެ ޝައުގުވެރިކަން މިކަމަށް ވަރަށް ބޮޑު،" އަފީފް ވިދާޅުވި އެވެ.
ކުރިން ދެއްވި އިންޓަވިއުއްގައި އަފީފް ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އިރު، ކުރާނެ ވަކި މަސައްކަތެއް ނެތި، ހަމަ އެކަނި ސޮއިކޮށްލާފައި އަމިއްލަ އެކި ކަންކަމުގައި އުޅޭ މުވައްޒަފުންގެ އަދަދު ވެސް ގިނަ އެވެ. އެކަން ހަމައަކަށް އަޅުވައި މާލީ ގޮތުން ފެނަކަ ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އަމިއްލަ އަށް އެދިގެން ރިޓަޔާ ވާން އެދޭ މުވައްޒަފުންނަށް ހަތަރުމަސްދުވަހުގެ މުސާރަ ދީފައި ވަކިވުމުގެ ފުުރުސަތެއް މި މަހުގެ ކުރީކޮޅު ހުޅުވާލީ އެ ސިޔާސަތުގެ ދަށުންނެވެ.
އަފީފް އިއްޔެ ވިދާޅުވި ގޮތުގައި މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލި އެ ފުރުސަތުގެ ބޭނުންކުރީ 97 މުވައްޒަފެކެވެ.
"އެ މުވައްޒަފުންގެ އިތުރުން ވެސް ކުންފުނި ރައިޓް ސައިޒް ކުުރަން، މުވައްޒަފުން މަދުކުރުމާ މެދު ރަށްރަށުަގައި ހަމަ ވަރަށް ތަރުހީބު ބޮޑު. ބައެއް ރަށްރަށުން [ބައެއް ރަށްރަށުގެ ބްރާންޗްތަކުގެ މެނޭޖްމަންޓުން] އަމިއްލަ އަށް ވެސް އެބަ ބުނޭ މިތަން ރައިޓްސައިޒް ކޮށްދޭށޭ،" އަފީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އެދެނީ ކުރާނެ މަސައްކަތެއް ނެތި ސޮއިކޮށްލާފައި އުޅޭ މުވައްޒަފުން ތިބުމުން މަސައްކަތް ހަގީގަތުގައި ކުރަން ތިބޭ މުވައްޒަފުންގެ ހިތްހަމަ ނުޖެހުން އޮތުމާ އެކު ކުންފުނި ހިންގުމަށް ވެސް ދަތިތައް ކުރިމަތިވާތީ އެވެ.
އަމިއްލަ އަށް އެދިގެން ވަކިވާން އެދި ހުށަހަޅާފައިވާ މުވައްޒަފުން ރިޑަންޑަންޓް ކުރުމުގެ މަރުހަލާ އަންނަ ޖުލައި މަހު ނިމޭނެ ކަމަށާއި ކުންްފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަށް މަދުކުރުމުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.
"މި އަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓްގެ ތެރެއިން މި އަހަރު ހަމަޖެއްސި ނަމަވެސް އަހަރު ނިމޭއިރު ކުންފުނި ރައިޓްސައިޒްކޮށް ނިންމައި، އެ ވަރުގެ ކުޑަ ބަޖެޓެއް އަަޅުގަނޑުމެން ކަނޑައަޅާނީ،" އޭނާ ވިދާޅުވި އެވެ.
ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިންގ އެންޑް ރިސާޗާއި، ޖަމްޢިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓް ގުޅިގެން "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" މި ނަމުގައި ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް އިފްތިތާޙުކޮށްފިއެވެ.