ފަރުކޮޅުފުށީގައި ރޭ ހިންގި މާރާމާރީގައި ހައްޔަރުކުރި މީހާގެ ބަންދަށް ފަސް ދުވަސް އިތުރުކޮށްފި އެވެ.

ހުޅުމާލެ 2ގެ ފަރުކޮޅުފުށީ ހިއްކި ބިމުގައި އިއްޔެ އިރުއޮއްސި 6:30 ހާއިރު ހިންގި މާރާމާރީގައި އަނިޔާވި އެކަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ޑެޕިއުޓީ ޑިރެކްޓަރެއް ކަމަށްވާ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އެވެ.

މާރާމާރީގެ މައްސަލާގައި ހައްޔަރުކުރީ މި މާރާމާރީގައި އަނިޔާވި 21 އަހަރުގެ މީހާ އެވެ. އޭނާ ހައްޔަރުކުރީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލުމުންނެވެ. 

ފުލުހުން މިއަދު ބުނީ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެ މާރާމާރީ ހިންގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.