ޗާންދަނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތަށް ވަގުތީގޮތުން ބަދަލުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ އެ ބަދަލު ގެނެސްފައި ވަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތްކުރުމަށް އެ ސަރަހައްދު ބަންދުކޮށްފައިވާތީ ތޮއްޖެހުން ބޮޑުވެ އާންމުންނަށް އުނދަގޫވާތީ އެކަމަށް ޓްރެފިކް ޕޮލިހުން އެދިގެން ކަމަށެވެ.
އެހެންވެ، މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމެންދެން އެ މަގުގައި ދެ ކޮޅަށް ދުއްވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އެ ބަދަލާ އެކު އޯކިޑު މަގުން ނިކުމެގެން ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ވެހިކަލުތައް ދުއްވޭނެ އެވެ.
"އެ ދިމާލުން މާބޮޑަށް ޓްރެފިކް ބްލޮކް ވަނީ. ޓްރެފިކް ޕޮލިހުންގެ ރިކުއެސްޓަކަށް އެކަންކޮށްފައި އެއޮތީ އެ ދިމާލުގައި މާބޮޑަށް މީހުންނަށް ދަތުރުފަތުރުކުރަން އުނދަގޫވާތީ ފަސޭހަކޮށްދޭން އެ މަގު ހަދާ ނިމެންދެން،" އާޒިމް ވިދާޅުވި އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް ފެށީ މިދިޔަ މާޗު މަގުގެ 23 ގަ އެވެ.
އެ މަގުގެ މަސައްކަތް ޖުލައި 26 ގެ ކުރިން ނިންމާލެވޭނެ ކަމަށް އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން ބުނެ އެވެ.