މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ތިން ވަނަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކުރުމުގެ މަސައްކަތް އަންނަ ޖުލައި 26 ގެ ކުރިން ނިމޭނެ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
އެ ސަރަަހައްދުގެ މަގު ހަދަން ފެށީ މިދިޔަ މާޗު މަހުގެ 23 ގަ އެެވެ.
ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ހަދައި އެ މަގުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ "މިހާރު" އަށް ވިދާޅުވީ މަގު އެއްވަރުކޮށް ތާރު އެޅުމުގެ މަސައްކަތް މި މަހުގެ ފަހުކޮޅު ފަށާނެ ކަމަށެވެ. އަދި އެ މަގުގެ ހުރިހާ މަސައްކަތްތަކެއް ޖުލައި 26 ގެ ކުރިން ނިމެނޭ ކަމަށާއި އެކަމަކު މަގު އާންމުންނަށް ހުޅުވާލާނެ ސީދާ ދުވަސް އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޔަގީނުން ވެސް ޖުލައި 26 ގެ ކުރިއަށް މަސައްކަތްތައް ނިންމާލެވޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން މިދިޔަ ހަފުތާގައި ބުނެފައިވާ ގޮތުން އެ މަޝްރޫއުގެ ފޭސް އެކެއްގެ ނަރުދަމާ އާއި ފެން ލައިނު ގުޅުމުގެ 100 ޕަސެންޓް ވަނީ ނިމިފަ އެވެ. މައި ފެން ހޮޅިލުމުގެ މަސައްކަތުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށާއި ސްޓޯމްވޯޓާ ކެޗްޕިޓު އަދި ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމޭނެ ކަމަށް ބުންޏެވެ.
އެމްޓީސީސީން ބުނި ގޮތުގައި ސެގްމެންޓް 3 ސަބްގްރޭޑިން މަސައްކަތްތައް ވެސް ފެށުމަށް ރާވާފައިވާއިރު ދުވާރު ހެދުމާއި މަގުބައްތި ޖެހުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އެބަދެ އެވެ.
މާލޭގެ އެންމެ ކާރޫބާރޫބޮޑު އެއް މަގު އަލުން ޒަމާނީ ފެންވަރަށް ހަދަމުން އަންނައިރު އެ މަގުގެ މަސައްކަތް ފެށުމުގެ ކުރިން ސިޓީ ކައުންސިލުންކޮށްފައިވާ އިއުލާނުގައިވަ ގޮތުން އެކި ސެގްމެންޓްތަކަށް ބަހާލައިގެން ހިންގާ އެ މަޝްރޫއުގައި އެންމެ ފުރަތަމަ ކުރިއަށް ދާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު ތަރައްގީކުރުމެވެ. އެ މަސައްކަތް ނިމެންދެން އެތަން ވަނީ ބަންދުކޮށްފަ އެވެ.
އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށް ފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށް ކަމަށް ބުނެފައިވެ އެވެ. އެ ސަރަހައްދު ބަންދު ކުރާނެ ކަމަށް އޭރު ބުނެފައި އޮތީ މާޗު 30 އިން ފެށިގެން މަސައްކަތް ނިމެންދެނެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުމަށް ވަރަށް ބޮޑަށް ލުޔެއް ލިބިފައިވެ އެވެ.
ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.