އައިޖީއެމްއެޗުގެ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ވަރަށް ކުޑަ ޑިޕާޓްމަންޓެއް ކަމަށާއި އެ ތަނުން އެކަށީގެންވާ ހިދުމަތް ދެވޭ ވަރަށް ވުރެ ނަފްސާނީ ފަރުވާ ބޭނުންވާ މީހުންގެ އަދަދު ގިނަ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކާ ގުޅިގެންނެވެ.
ނަފްސާނީ ފަރުވާދޭ ހޮސްޕިޓަލާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ގީލާ ވިދާޅުވީ އައިޖީއެމްއެެޗުގެ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ވަރަށް މަދު އަދަދެއްގެ އެނދާ އެކު އެނދުމަތި ކޮށްގެން ދެވޭނެ ފަރުވާތައް ވެސް ދެމުން އަންނަ ތަނެއް ކަމަށާއި އެކަަމަކު އެކަމަށް ފަރުވާ ބޭނުންވާ މީހުންގެ އަދަދުތަކާ އެއްވަރަށް އެތަނުން ހިދުމަތް ނުދެވޭ ކަމަށެވެ.
"މިވަރުގެ ވޯކްލޯޑެއް ނުވަތަ މިވަރުގެ ޕޭޝަންޓް ނަމްބާސްތަކެއް ކޭޓާ ކުރެވޭ ގޮތަކަށް ނޫން މިވަގުތު ސެންޓާ ފޯ މެންޓަލް ހެލްތު މަރުކަޒު ހުރީކީ،" އޭނާ ވިދާޅުވި އެވެ.
ގީލާ ވަނީ 2023 ވަނަ އަހަރުން 2025 ގެ ނިޔަލަށް ރާއްޖޭގައި ނަފްސާނީ ބައްޔަށް އެހީތެރިކަން ހޯދި އަދަދުތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. ވިދާޅުވީ ޖުމްލަ 70،000 މީހުން ސައިކޭޓްރިސްޓް ފަރުވާ ހޯދިއިރު އޭގެ ތެރެއިން 45،000 މީހުން ސިއްހީ ފަރުވާ ހޯދީ މާލޭ ސަރަހައްދުން ކަމަށް ވެފައި މި ސަރަހައްދަށް އެފަދަ ވަކި ހޮސްޕިޓަލެއް މުހިއްމުކަން އެ ނަމްބަރުތަކުން ސާފު ކަމަށެވެ.
ސަރުކާރުން މިހާރު ނިންމާފައި ވަނީ ނަފްސާނީ ފަރުވާގެ ހޮސްޕިޓަލު ހުޅުމާލޭގައި އިމާރާތްކުރާށެވެ. ގާތްގަނޑަކަށް 10،000 އަކަފޫޓުގެ ބިމެއް އެކަމަށް ހަމަޖައްސައިދީފައިވާ ކަމަށް ގީލާ ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި އެފަދަ ހޮސްޕިޓަލެއް ހުންނަންޖެހޭ ސަބަބު ސާފުކޮށްދެއްވަަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލީގެ ހޮސްޕިޓަލަކީ ވަރަށް ހާއްސަ ފަރުވާތަކެއް ދޭ ތަނެއް ކަމަށާއި އެކަމަށް ފަރުވާދޭ ސްޕެޝަލިސްޓުންނަކީ އެކި ފަންނުތަކުގެ މީހުންނަށް ވާއިރު އެ ހުރިހާ ރިސޯސް ހުރީ މާލޭ ސަރަހައްދުގައި ކަމަށެވެ.
"އެއީ ވަރަށް ހާއްސަ ފަރުވާތަކެއް ދެވޭ ތަނަކަށް ވުމާއި މިހަހަލަ ފަރުވާތަކަށް ބޭނުންވާ ހިއުމަން ރިސޯސް ނުވަތަ ސްޕެޝަލިސްޓުންނަކީ އެކި ފަންނުތަކުގެ މީހުންނަށް ވާންޖެހޭ ކަމާއި އަދި މާލޭ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އަޅަން މި ޖެހެނީ މި ގިނަ ރިސޯސްތައް މާލޭގައި ކަން ހުރީ އަދި މިފަދަ ބަލި މީހުންނަށް ބޭނުންވާ ތަފާތު އެހެން ޓެސްޓުތަކާއި އެ ކުރަންޖެހޭ ފަރުވާތައް ވެސް ޖަމާވެފައި ވަނީ އެއްތަނަކަށް މާލެ ސަރަހައްދަށް ކަމަށް ވެފައި އަތޮޅު ތެރޭގެ ބަދަލުގައި މާލޭގައި ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައި ވަނީ،" ގީލާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނަފްސާނީ ބަލީގެ މީހުންނަކީ ކުރު އަދި ވަރަށް ދިގު މުއްދަތަކަށް ވެސް ފަރުވާ ދޭންޖެހޭ ބައެކެވެ. އެހެންވެ، ހޮސްޕިޓަލެއް އިމާރާތްކުރާއިރު އެއީ އެފަދަ މީހުން ދިގު މުއްދަތެއްގައި ހޭދަކުރެވޭނެ ގޮތަށް ހަދާ ތަނަކަށް ވާންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެ މީހުންނަށް އަނބުރާ އާއިލާގެ ގާތަށް ދެވޭނެ މާހައުލެއް ހޮސްޕިޓަލުގައި ގާއިމުކޮށްދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަފްސާނީ ބަލީގެ ހޮސްޕިޓަލް އިމާރާތް ކުރަނީ އެފަދަ ކަންކަމަށް ވެސް ވިސްނައިގެންކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް އެ ފަރުވާއަކީ ވަރަށް ސްޕެޝަލައިޒްޑް ހޮސްޕިޓަލު ނިޒާމެއްގެ ތެރެއިން ދޭ ފަރުވާއެއް ކަަމަށެެވެ.
"އެހެންވީމާ މި ހިދުމަތަކީ މިހާރު ވެސް އެކި ތަންތަނުގައި އެކި މިންވަރަށް ފޯރުކޮށްދޭ ހިދުމަތެއް. ދެން މެންޓަލް ހެލްތު ހޮސްޕިޓަލަކީ ކުރިއަށް އޮތްތަނުގައި ވަރަށް ޒަމާނީ ވަސީލަތްތަކާ އެކު އަދި އެތަނެއްގައި ފަރުވާ ހޯދަމުންދާ ބަޔަކަށް ވަރަށް ފުރިހަމަ ސިއްހީ ފަރުވާއެއްގެ ގޮތުގައި ފޯރުކޮށްދެވޭނެ ހިދުމަތެއް،" ގީލާ ވިދާޅުވި އެވެ.
މިހާރު ސައިކޭޓްރިސްޓް ފަރުވާ ދެވޭ ތަންތަން:
- ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް
- އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
- ގަމު ރީޖަނަލް ހޮސްޕިޓަލު
- އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލު
- އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލު
- އައިޖީއެމްއެޗް
- ހުޅުމާލޭ ހޮސްޕިޓަލް
ނަފްސާނީ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް ލ. ގަމުގައި އިމާރާތް ކުރަން މި ސަރުކާރުން ކުރިން ނިންމި އެވެ. ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިދިޔަ އަހަރު ވިދާޅުވި ގޮތުގައި އެ އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ އެވެ. އެކަމަކު ފަހުން ނިންމީ މާލޭ ސަރަހައްދުގައި އެ ހޮސްޕިޓަލު އަޅާށެވެ.
ގީލާ ވިދާޅުވި ގޮތުގައި މާލެއިން ބޭރުގައި ނަފްސާނީ ބަލި މީހުންނަށް ފަރުވާދޭނެ ހޮސްޕިޓަލެއް އެޅުމަށް ވަކި ދިރާސާއެއް ހަދާފައި ނެތެވެ.