ހުޅުމާލެ ހޮސްޕިޓަަލަށް 250 އެނދު އިތުރުވާ ގޮތަށް އެ ހޮސްޕިޓަލް ބޮޑުކުރުމުގެ ޕްރޮޖެކްޓެއް ހިންގަން ބަަޔަކާ ހަވާލުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރާ އިމާރާތް އަޅާނީ އެ ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ކަމަށެވެ. އެ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުޅުމާލެ ހޮސްޕިޓަލްގެ އެކްސްޕެންޝަން މަޝްރޫއެއް ހޮސްޕިޓަލާ އިންވެގެން އޮތް ބިމުގައި ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައި. މިއީ 250 އެނދު އިތުރުކުރުމުގެ މަޝްރޫއެއް،" ގީލާ ވިދާޅުވި އެވެ.
އެ އިމާރާތް ނިމުމުން ހުޅުމާލެ ހޮސްޕިޓަލުން އިތުރު ސްޕެޝަލިޓީތަކުގެ ހިދުމަތާއި ޒަމާނީ އޮޕަރޭޝަން ތިއޭޓަރެއްގެ ހިދުމަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެއިން ލިބޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތްތައް އިތުުރުކުރަން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދިގު ލިސްޓެއް އޭނާ މިއަދު ދެއްވި އެވެ. ކެންސަރުގެ އޮޕަރޭޝަންތައް ކުރާ އޮންކޯ ސާޖަންއެއްގެ ހިދުމަތާއި ފުލްޓައިމް އޮންކޮލޮޖޮސްޓެއްގެ ހިދުމަތާއި ގްލޯކޯމާ ސްޕެޝަލިސްޓެއްގެ ހިދުމަތް އޭގެ ތެރޭގައި ހިމެނެ އެވެ.
"ނާރުގެ ބަލިތަކާއި ގެސްޓްރޯ އެންޓްރޮލޮޖީ އަދި ޔޫރޮލޮޖީގެ ހާއްސަ އޯޕީޑީތައް 25 ޖުލައިގައި ހުޅުމާލެ ހޮސްޕިޓަލްގައި ވަނީ ދޭން ފެށިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތްތަކުގެ ލިސްޓެއް ގީލާ ދެއްވީ "ހުޅުމަލޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ނެތުމަކީ އެ ސިޓީގެ ރައްްޔިތުން އުފުލަމުންދާ ބޮޑު ތަކުލީފެއް" ކަމަށް ވިދާޅުވެ، މެންބަރު ޝަމްހީދު ސުވާލު ކުރެއްވުމުންނެވެ.