އެން އާލާ ކުރުމުގެ މަސައްކަތް ސަރުކާރުން ބޭނުންވެގެން ބަޔަކު ފަށާފައިވާ ކަމަށާއި 2028 ވަނަ އަހަރު މަސްވެރިންނަށް އެން ދޫކުރަން ފަށާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބް ވިދާޅުވީ ރާއްޖޭގައި މެރިކަލްޗާގެ މަސައްކަތް ކޮންމެވެސް ވަރަށް ކޮށްފައިވާ ކަމަށެވެ.

އޭރު އެ މަސައްކަތްކުރީ ކޮޓޭޖް ލެވެލްގައި ނަމަވެސް މިހާރު ސަރުކާރުގެ ވިސްނުން ހުރީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއެރުވުމަށްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ މޫދުވިނަ ހެއްދުމާއި އެން އާލާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މެރިކަލްޗާ ކުރިއެރުވުމަށް މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅަކާއި ގދ. އަތޮޅުގެ ފަޅެއް ފާނަ އާލާކުރުމަށް ދޫކޮށްފައިވާ ކަމަށެވެ.  މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެދުމަކަށް މިހާރު ދަނީ އެން އާލާކުރުމުގެ މަސައްކަތް އެ ތަންތަނުގައި ކުރަމުން ކަމަށެވެ.

އޭނާ ވިދާޅުވީ މޫސުން ގޯސްވާ ދުވަސްވަރު މަސްވެރިންނަށް ދިމާވާ އެން ނުލިބުމުގެ މައްސަލައަށް ހައްލު ހޯދުމަށް، ގދ. އަތޮޅުގައި މެރިކަލްޗާގެ މަސައްކަތްކުރާ ކުންފުންޏާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"އެބޭފުޅުން ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އެން އާލާކުރުމުގެ މަސައްކަތް ފަށައި، 2028 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ މަސްވެރިންނާ ހަމައަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނި މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ވެސް މެރިކަލްޗާގެ ދަށުން ޑިނގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް އާލާކުރެ އެވެ. މި ފަހުން ވަނީ މޫދުވިނަ ވެސް ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރަން ފަށައިފަ އެވެ.