މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތިން އިދާރާއަކާ އެކު ކްރައިސިސް މެނޭޖްމަންޓާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. 

"އެއާޕޯޓު ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓާއި މެޓް އޮފީސް އަދި މޯލްޑިވްސް ރެޑްކްރެސެންޓާ އެކު އެވެ. 

އެމްއޭސީއެލުން ބުނީ އެ އެއްބަސްވުންތަކުގެ ސަބަބުން ކޯޑިނޭޝަން ވަރުގަދަވެ، ކުއްލި ހާލަތަށް އެއާޕޯޓު ތައްޔާރުވެފައި އޮންނަ އޮތުން އިތުރުވެގެންދާނެ ކަމަށެވެ. 

މިދިޔަ ޑިސެމްބަރު މަހުގައި ވެސް އެމްއޭސީއެލުން ވަނީ ފުލުހުންނާ އެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. 

އެ އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތު ކުރުން ހަރުދަނާ ކުރުމާއި އަވަސް އަދި ފައިދާ ހުރި ގޮތެއްގައި އިޖާބަ ދިނުމަށް ސޮއިކުރި އެއްބަސްވުމެކެވެ.