ފުލުހުންގެ ހިދުމަތުގައި 25 އަހަރު އުޅުމަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް ވަޒީފާގައި ދެމިހުންނަ މުއްދަތުގައި ލިބޭ ގޮތަށް ހިލޭ ބޭސްފަރުވާގެ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ހިދުމަތަށް 93 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ސީޕީ އަހުމަދު ވިދާޅުވީ ޝަރަފުވެރިކަމާ އެކު ރިޓަޔާކުރާ ފުލުހުންނަށް ލިބިދޭ އިނާޔަތްތައް ހިސާބު ކުރުމުގައި އޮތް ލިމިޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށާއި އިނާޔަތް ކަނޑައަޅާނީ އެ ފުލުހަކު ހިދުމަތް ކުރި މުއްދަތަކަށް ބެލުމަށް ފަހު ކަމަށެވެ.
އޭގެ ތެރޭގައި 25 އަހަރަށް ފަހު ރިޓަޔާކުރާ ފުލުހުންނަށް، ފުލުހުންގެ ހިދުމަތަށް ހާއްސަ އިންޝުއަރެންސް ޕެކޭޖުގެ ދަށުން ބޭސްފަރުވާގެ ކަންކަން ހަމަޖެހޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތުގައި މިހާރު އޮންނަ ގޮތުން، ފުލުހުންގެ ވަޒީފާގައި ހުންނަ މީހާއަށާއި އޭނާގެ އަނބި/ފިރި ދަރިންނަށް އަދި މައިންބަފައިންނަށް ހެލްތު އިންޝޫރެންސް އޮވެ އެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ދިރިއުޅުން ފަހިކުރެވޭނެ ގޮތަށް ދިރާސާކުރަމުން އަންނަ ކަމަށާއި ފުލުހުންނަށް އާ ފުރުސަތުތައް ހޯދައިދީ، ފުލުހުންގެ ކަންކަން ހަރުދަނާ ކުރަން ވަރަށް ބޮޑު އިސްކަމެއް ސަރުކާރުން ދޭ ކަމަށެވެ.
ފުލުހުންގެ ހިދުމަތުން ޝަރަފްވެރިކަމާ އެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓް ބަދަލުކުރަން ނިންމާފައިވާކަން ހާމަކުރައްވަމުން ސީޕީ ވިދާޅުވީ އެ ފުލުހުން ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލައި ލިބޭ އިނާޔަތްތައް ހަމަޖައްސާއިރު ބޭސްފަރުވާ ކަންކަން، ވަޒީފާގައި ހުރި އިރު ލިބެމުން ދިޔަ ގޮތަށް ލިބޭނެ ކަމަށެވެ.
"... 25 އަހަރު ވުމަށް ފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލުން، ބޭސް ފަރުވާގެ ކަންކަން ހަމަޖައްސައިދިނުމަށް މިހާރު ނިންމާފައިވާ ވާހަކަ އަޅުގަނޑު މިއަދު އިއުލާނުކުރަން،" ސީޕީ އަހްމަދު ވިދާޅުވި އެވެ.
ކޮމިޝަނަރު ދެކެވަޑައިގަންނަވާ ގޮތުގައި ފުލުހުންނަށް ކުރިއަށް އޮތީ އުއްމީދީ ދުވަސްތަކެކެވެ.
ސަރުކާރުގެ ބޭސްފަރުވާ އިންޝުއަރެންސްގެ ނިޒާމު، އާސަންދައާ އެކު ފުލުހުންނާއި ސިފައިންނަށް ވަކި އިންޝައަރެންސްއެއް ކަނޑައަޅާފައިވެ އެވެ. އެ އިންޝުއަރެންސްގައި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ހިލޭ ބޭސްފަރުވާގެ ހިދުމަތް ޕްރައިވެޓް ހޮސްޕިޓަލްތަކުން ވެސް ހޯދެ އެވެ.