ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ދެވަނަ ފަހަރަށް ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުން ފަނޑިޔާރުންގެ މަޖިލީހުން ބާތިލްކޮށްފި އެވެ.
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށް، އެކަމާ ގުޅޭ އުސޫލު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސަރުކާރުން އާންމުކޮށްފައިވާއިރު، އެ ނިންމުން ބާތިލްކޮށް، ކަށިމިޔަރުގެ މަސްވެރިކަން ކުރުން ހުއްޓުވުމަށް ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ހުށަހެޅި އެވެ.
މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީން އެވެ. ހުމައިދާ މީގެ ކުރިން ވަނީ ގުޅިފަޅު ހިއްކުން ހުއްޓުވަން ވެސް މައްސަލައެއް ހުށަހަޅައިފަ އެވެ.
ނަމަވެސް، ބަންޑާރަ ނައިބުގެ އޮފީހާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަންނަން ރަޖިސްޓްރާ އޭރު ނިންމެވި އެވެ. އެ ނިންމުން އިސްތިއުނާފު ކުރުމުން ވެސް ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެގޮތަށް ނިންމީ ދުސްތޫރީ މައްސަލައަކަށް ވަނީ ގާނޫނެއް ނުވަތަ ގަވާއިދެއް ބާތިލްކުރަން ހުށަހަޅާ މައްސަލަތައް ކަމަށް ވާއިރު، ކަށިމިޔަރުގެ މަސްވެރިކަމުގެ ޕްލޭނަކީ ގާނޫނެއް ނުވަތަ ގަވާއިދުގެ ބައެއް ނޫން ކަމަށް ބުނެ އެވެ.
އެ މައްސަލަ އަލުން ހައި ކޯޓަށް ހުށަހެޅުމުން ވެސް ރަޖިސްޓްރާ ނިންމެވީ މައްސަލަ ބަލައިނުތުމަށެވެ. އެ ނިންމުން ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އިސްތިއުނާފު ކުރުމުން އެ މަޖިލީހުން ނިންމާފައިވަނީ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމުން ގޯސްކަމަށެވެ.
އެއީ ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ކަށިމިޔަރުގެ މަސްވެރިކަމާ ގުޅޭ އުސޫލު ގާނޫނުއަސާސީގެ 22 ވަނަ މާއްދާއާ ހިލާފުވާ ސަބަބު ތަފްސީލީ ގޮތެއްގައި ބަޔާންކޮށްފައިވާތީ، އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދަންޖެހޭ ކަމަށް ކަނޑައެޅުމަށްފަހު އެވެ.
ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމުން މައްސަލަ އަލުން ހުށަހަޅަން ލިބޭ މުއްދަތުގައި ހުމައިދާ ވަނީ ދުސްތޫރީ މައްސަލަ އެ ކޯޓަށް އަނެއްކާވެސް ހުށަހަޅައިފަ އެވެ.
ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފައިވަނީ އެކަމަށް ހާއްސަ އުސޫލެއްގެ ތެރެއިންނެވެ. އަދި ކޮންމެ އަހަރަކު، ގިނަވެގެން ހަތް މަސްދުވަހަށެވެ. ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައި ކޮންމެ ފަހަރަކު އިއުލާނުކުރާނެ އެވެ.
ގަވައިދު އޮތް ގޮތުން، މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރާނީ އެންމެ ގިނަ ވެގެން 40 އުޅަނދަށެވެ. ކަށިމިޔަރުގެ މަސްވެރިކަމުގެ ވިޔަފާރި ކުރުމަށް ލައިސެންސްއެއް ވެސް ނަގަން ޖެހެ އެވެ.
ބުޅީގައި ޖެހޭ ކަށިމިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް ބައެއް އޭގެ ހަށިގަނޑުން ވަކި ނުކޮށް ކަމަށް ގަވައިދުގައިވެ އެވެ. އަދި ބަނދަރަށް ގެނައުމުގެ ކުރިން ޕްރޮސެސްކުރުމުގެ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެކެވެ.
ކަށިމިޔަރުގެ މަސްވެރިކަމުގެ އެއްވެސް ހަރަކާތެއް އެތެރެވަރީގައި ނުހިންގޭނެ އެވެ. އަދި އެފަދަ ހަރަކާތްތައް ހިންގުމަށް ހުއްދަ ދެވޭނ،ީ ހަމައެކަނި އަތޮޅު ދުނިން ބޭރުގެ ސަރަހައްދުތަކުގަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށްފައި ވެސް ވެ އެވެ. އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.