ރައީސް ޔާމީން ރ، ބ އަތޮޅުގެ ދަތުރުފުޅު ފަސްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން ރ. އަދި ބ. އަތޮޅަށް މި ހަފުތާގައި ކުރައްވަން ނިންމެވި ދަތުރުފުޅު ފަސްކުރައްވައިފި އެވެ.


ކުރިން ހަމަޖައްސާފައި އޮތް ޝެޑިއުލްގައި ވާ ގޮތުން ރައީސް ރ. އަތޮޅަށް ވަޑައިގަންނަވާނީ މާދަމާ އެވެ. ބ. އަތޮޅަށް ވަޑައިގަންނަވާނީ އަންނަ އަންގާރަދުވަހު އެވެ. ދަތުރުފުޅުގެ ޝެޑިއުލް އަށް އައި ބަދަލާއެކު އެމަނިކުފާނު ދެން އެ ދެ އަތޮޅަށް ވަޑައިގަންނަވާނެ ތާރީޚެއް ރައީސް އޮފީހަކުން އަދި ނުބުނެ އެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމުގެ ތައްޔާރީތައް ރ. އާއި ބ. އަތޮޅުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެކަމަކު ދަތުރުފުޅު ފަސްކުރެއްވި ކަން ރައީސް އޮފީހުން މިއަދު ވަނީ ކައުންސިލްތަކަށް އަންގައިފަ އެވެ.

އެ ދެ އަތޮޅަށް ރައީސް ވަޑައިގަންނަވާ ގޮތަށް އޮތީ، މަޝްރޫއުތަކެއް އިފްތިތާހުކުރުމަށާއި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކާ ގުޅޭ މައުލޫމާތު އާއްމުކުރަން ވުމުން، އިސްވެ ރައީސް އޮފީހުން އެކަން ކުރާނެ ކަމަށެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ވެސް ރައީސް ވަނީ ބައެއް އަތޮޅުތަކަށް ވަޑައިގެން ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރައްވައިފަ އެވެ.