މި ސަރުކާރުން އަނިޔާވެރިކޮށް ހައްޔަރުކުރި އެކަކު ވެސް ނުދެއްކޭނެ: ރައީސް ޔާމީން

މިއީ، އަނިޔާވެރި ސަރުކާރެއް ކަމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ތުހުމަތުތައް ކުރި ނަމަވެސް އަނިޔާވެރިކޮށް ހިފައި ހައްޔަރުކުރި އެކަކު ވެސް ނުދެއްކޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.


އުތުރުގެ ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބ. ކެންދު އަށް ވަޑައިގެން، އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށް ފަހު ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރުން ހައްޔަރުކޮށް، އަނިޔާވެރިވަމުންދާ ކަމަށް ބުނެ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ކަމަށެވެ. އެކަމަކު މިއީ އަނިޔާވެރި ސަރުކާރެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މި ސަރުކާރަކުން ނޫން އަނިޔާވެރިވެފައި އޮތީ. މި ސަރުކާރަކުން ނޫން މީހުން ހިފައި ހައްޔަރުކުރަނީކީ. ހިފައި ހައްޔަރުކުރުމަކީ ދެވޭ އަދަބެއް ކަމަށް ވަންޏާ، އެއީ ގަދީމީ ޒަމާނުއްސުރެން ދިވެހި ރާއްޖޭގައި ކުރާ ކަމެއް. ކޮށާރު ގެތަކުގައި ޖަލުތަކުގައި ހައްޔަރުކުރާ މީހުން ހައްޔަރުކުރޭ ހުރިހާ ޒަމާނެއްގައި ވެސް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ކެންދޫ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ: ގާނޫނާ ޚިލާފަށް ސަރުކާރުން ހައްޔަރުކުރި އެކަކު ވެސް ނުދެއްކޭނެ ކަމަށް ވިދާޅުވި.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަނިޔާއަކަށް ވަނީ ގާނޫނާއި ނިޒާމްތަކުގެ ބޭރުން މީހުން ހިފައި ހައްޔަރުކުރުމުންނެވެ.

"މި ސަރުކާރަށް ނިސްބަތްކޮށް އަނިޔާވެރި ސަރުކާރެއް ކަމަށް ވިދާޅުވާ ބޭފުޅުން ކުރެން އައްސަވަބައްލަވާ ޔާމީންގެ ސަރުކާރުން އެގޮތަށް ހިފައި ހައްޔަރުކުރި އެންމެ މީހަކު ދައްކަވަބައްލަވާށޭ. އެކަމެއް ނުވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ގާނޫނާ ޚިލާފަށް އެއްވެސް ލީޑަރަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ބޭއިންސާފުން ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވައި އަނިޔާވެރިވަމުންދާ ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ. ރައީސް ޔާމީންގެ ވާދަވެރިން ޖަލަށް ލަނީ، ރިޔާސީ އިންތިހާބުގައި ވާދަކުރިޔަ ނުދޭން ކަމުގެ ތުހުމަތު ވެސް އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ކުރެ އެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ. މި ސަރުކާރުގެ އަމާޒަކީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންގޮސް ދިނުން ކަމަށާއި އެއީ ހުއްޓުމެއް ނެތި ސަރުކާރުން ކުރިއަށް ގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.