ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭގައި އުޅެނިކޮށް ހިފެހެއްޓުމަށް ފަހު ސްރީ ލަންކާއާ ހަވާލުކޮށްފި އެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީ.އައި.ޑީ) ގެ އޮފިސަރުން ހުކުރު ދުވަހު ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް، 23 އަހަރުގެ އެ މީހާ ފޭބުމާ އެކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމްސް ޑިވިޝަނާ ހަވާލުކޮށްފައި ކަމަށް ބުންޏެވެ.
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި މިއީ ވަކީލްގެ ދެމަފިރިންނަށް ހަމަލާދިން މީހުންނަށް ދަތުރުފަތުރުގެ ކަންކަން ހަމަޖައްސައިދިން ކަމަށް ތުހުމަތުވާ މީހާ އެވެ.
ފުލުހުން ބުނި ގޮތުގައި، އެތުކަންދުރާ އަށް ނިސްބަތްވާ މި މީހާއަކީ، މިދިޔަ ފެބްރުއަރީ 13 ވަނަ ދުވަހު ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައި، ގާނޫނީ ވަކީލަކަށާއި އޭނާގެ އަންހެނުންނަށް ބަޑިން ހަމަލާދިން މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ މީހެކެވެ.
ލަންކާ ފުލުހުން ބުނެފައިވާ ގޮތުގައި، މި މީހާއަކީ 2025 އޮކްޓޫބަރު މަހު، މަނާ މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އަދި 2025 ޑިސެމްބަރު މަހު، ހެރޮއިން ގެންގުޅުނު މައްސަލައެއްގައި ވެސް ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ. އެ ދެ ފަހަރު ވެސް އޭނާ ކޯޓަށް ގެންގޮސް ޖޫރިމަނާކޮށްފައިވެ އެވެ.
މިކަމާ ބެހޭ ގޮތުން ދިވެހި ފުލުހުން އަދި އެއްޗެއް ނުބުނެ އެވެ.
ގާނޫނީ ވަކީލާއި އޭނާގެ އަނބިމީހާ މަރާލީ ކޮލަމްބޯއާ 12 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ އަމަލު ތަލަންގަމާގެ އަކުރެގޮޑާގަ އެވެ. ބަޑި ޖަހާފައި ވަނީ ސުޕަމާކެޓެއްގެ ޕާކިން އޭރިއާގައި އޮތް ކާރެއްގެ ތެރޭގައި ދެމަފިރިން ތިއްބަ އެވެ.
ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު ވެސް ބަޑި ޖެހުމުގެ ވިއްސަކަށް ހާދިސާ ހިންގާފައިވާއިރު އެތައް ބަޔަކު އެ ހަމަލާތަކުގައި މަރުވެފައިވެ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.