ސްރީ ލަންކާގައި ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާއަށް ބަޑިން ހަމަލާދީ މަރާލި މައްސަލާގައި ތުހުމަތުވާ ސިހިނަ ދިލްސަރާ ރާއްޖެ އައީ ތައިލެންޑުން ކަމަށާއި އޭނާއާ ދެކޮޅަށް އިންޓަޕޮލް ރެޑް ނޯޓިސް އޮތުމުން ރާއްޖޭން ދުރާލައި އެކަން ލަންކާގެ ކަމާބެހޭ ފަރާތްތަކަށް އޮތީ އަންގާފައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ. 

ސްރީ ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އުމުރުން 23 އަހަރުގެ މި މީހާ ލަންކާއިން ފިލައިގެން އެންމެ ފުރަތަމަ ފެބްރުއަރީ 17 ގައި ދިޔައީ ވެސް ތައިލެންޑަށެވެ. އޭގެ ފަހުން ބަހްރެއިން އާއި ސައޫދީ އަރަބިއްޔާއަށް ދިއުމަށް ފަހު އަލުން ތައިލެންޑަށް ދިޔައީ ކަމަށާއި ރާއްޖެ އައީ ތައިލެންޑުގައި ހުރެފައި ކަމަށް ވަނީ ބުނެފަ އެވެ. 

ސްރީ ލަންކާގައި ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭން ފޮނުވާލުމުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ.
ސްރީ ލަންކާގައި ވަކީލަކާއި އޭނާގެ އަނބިމީހާ މަރާލި މައްސަލާގައި ތުހުމަތުވާ މީހާ ރާއްޖޭން ފޮނުވާލުމުން ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްގެން ގެންދަނީ.

ދިލްސަރާގެ މައްޗަށް ތުހުމަތުކުރަނީ ފެބްރުއަރީ 13 ވަނަ ދުވަހު ލަންކާގެ ސުޕަ މާކެޓެއްގެ ޕާކިން އޭރިއާ ތެރޭ އޮތް ކާރެއްގައި ތިބި ދެމަފިރިން މަރާލުމަށް ހަމަލާދިން މީހުން އުފުލުމަށް އޭނާގެ ވެހިކަލެއް ބޭނުންކުރި ކަމަށެވެ. ދިލްސަރާ ފިލައިގެން ދިޔައީ ހަމަލާގައި ހިމެނޭ މީހުން ބޭނުންކުރި އެއް ވެހިކަލް ލަންކާގެ ތަހުގީގީ އިދާރާތަކުން ދެނެގަތުމާ އެކުގަ އެވެ. 

ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި ދިލްސަރާ ރާއްޖެއަށް އަންނަަކަން ސްރީ ލަންކާގެ ކަމާބެހޭ ފަރާތްތަކަށް ރާއްޖޭން އެންގުމާ އެކު ލަންކާ ފުލުހުންގެ ހާއްސަ ޓީމެއް ރާއްޖެއަށް އައީ އެވެ. އަދި ރާއްޖެއަށް އެތެރެވާން ދިލްސަރާ އިމިގްރޭޝަނާ ހިސާބަށް ދިއުމާ އެކު ހުއްޓުވައި ލަންކާ ފުލުހުންނާ ހަވާލުކުރީ އެވެ. 

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ދިލްސަރާ ރާއްޖެއަށް އައީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އޭނާ ވަނީ އަނބުރާ ލަންކާއަށް ގެންގޮސް ހައްޔަރުކޮށްފަ އެވެ. އޭނާ އަކީ މީގެ ކުރިން 2021-2022 އަށް ރާއްޖޭގައި ވަޒީފާ އަދާކުރި މީހެއްކަން ވެސް އެނގިފައި ވާއިރު ލަންކާގެ މީޑިއާއިން ބުނާ ގޮތުން އޭނާ ރާއްޖޭގައި އޭރު އުޅުނީ  ހޮޓެލް ސްޓީވާޑެއްގެ ވަޒީފާ އެވެ.