ޝެފަކު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި މީހާ: އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ވަނީ އިސްތިއުނާފް ކޮށްފައި
21 އޮކްޓޯބަރ 2025 - 11:12
ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތްކުރި ސްރީ ލަންކާގެ ޝެފަކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރަން ހުށަހަޅައިފި އެވެ.
އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ލަންކާގެ ޝެފަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ލަންކާގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އޭނާގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިދިޔަ ޖުލައި މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެހެންވެ، އެ މައްސަލަ އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
ކްރިމިނަލް ކޯޓުން ނިންމީ އެ މައްސަލާގެ ހެކިވެރިން ރާއްޖެއިން ބޭރަށް ގޮސްފައިވާތީ އެ މީހުންގެ ހެކިބަސް ލިބިފައި ނުވާއިރު، ބަންދު މުއްދަތު މަޖިލީހުގައި ޖަލަޔަތު ދެއްކި ވާހަކައަށް އެކަނި ރިއާޔަތްކޮށްގެން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނުނިންމޭނެ ކަމަށެވެ. ބަންދު މުއްދަތު މަޖިލީހުގައި އޭނާ ވާހަކަ ދެއްކީ ވެސް ވަކީލެއްގެ އެހީ ނުލިބި އަދި އިއުތިރާފްގެ ނަތީޖާ އޭނާއަށް ބުނެ ނުދީ ކަމަށް ވާތީ އެ ބަޔާނަށް އެކަނި ރިއާޔަތްކޮށް، ކުށް ސާބިތު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިން ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އެ މީހުން ހޯދައި، އެ ހެކިބަސް ނެގުމަށް އިންޓަޕޯލްގެ އެހީއަށް ވެސް ރާއްޖެއިން އެދުނެވެ. ނަމަވެސް އެ މީހުންގެ ހެކިބަހެއް އެ މައްސަލާގައި ނެގިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަންޖަންޒީލު
21 October 2025
ޝެފަކު މެރުމާ އެހެންމީހަކުގެ ފުރާނަދުއްވާލުމާ ހުރީ ކޮންތަފާތެއް؟
ދެރަވަރު
21 October 2025
މީ ކިޔަވާކުދިންނަށް އަބަދު ކިޔާދޭން ޖެހޭ މައްސަލަ އެއް. ކޯޓުގެ އިހުމާލުން މަރުވި މީހާއަށް އިންސާފު ނުލިބި މިދަނީ. ކޯޓުގެ ލަސްކަމާ ސީރިއަސްނުވާތީ