ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމުގައި ނާސްތާ ދޭ ދަރިވަރުންގެ އަދަދު މިހާރު ހުރީ 400 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ނާސްތާ ޕްރޮގްރާމް މެދުކަނޑާލި ސަބަބާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އެއީ އެހެން ގައުމުތަކުގައި ވެސް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށާއި ރާއްޖެއަށް އެފަދަ ޕްރޮގްރާމެއް ތައާރަފް ކުރާއިރު ހިންގަން ޖެހެނީ ރާއްޖެއާ ގުޅޭ ގޮތަކަށް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

"ގާނޫނު ލިޔުނުއިރު ގާނޫނުގައި އެބަ އޮތް ބުނެފައި، އެމްޑީޕީގެ އޭރުގެ ވައުދެއް އެއީ ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނޭ. ހަމަ އެމްޑީޕީ ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓްރީން ނިންމީ ދެން ހުރިހާ ކުދިންނަކަށް ނުދޭނަމޭ، ބޭނުންވާ ކުދިންނަށޭ ދޭނީ،" އިސްމާއިލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް މިހާރު ވެސް މި ދަނީ ކޮންމެ އަހަރެއް ފެއްޓޭއިރު ދެރަ ނިކަމެތި ކުދިން ދެނެގަނެ، އެ ރަށެއްގެ މަސްލަހަތުވެރިންނާ ވާހަކަ ދައްކައިގެން އެ ކުދިންނަށް ބޭނުންވާ ސަޕޯޓު ދެމުން."

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ނާސްތާ ޕްރޮގްރާމްދޭ ދަރިވަރުންގެ އަދަދު 400 އަށްވުރެ އިތުރު ވާނެ ކަމަށެވެ. 

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: މަޖިލިސް

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، ސްކޫލުތަކުގައި ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ ޖޫން 11، 2019ގަ އެވެ.

އޭރު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ސްކޫލުތައް ބަންދުކުރުމުން އެ ޕްރޮގްރާމް މެދުކަނޑާލީ އެވެ. އޭގެ ފަހުން އަލުން 2021 ވަނަ އަހަރު އެކަން އަލުން ފެށީ ހަމައެކަނި އެންމެ ބޭނުންވާ ކުދިން ދެނެގަނެ، އެ ކުދިންނަށް ނާސްތާ ދޭ ގޮތަށެވެ.