އއ. ހިމަންދޫގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ދެ ކުޑަކުއްޖަކު ސަލާމަތްކޮށްފި އެވެ. 

މިދިޔަ ހުކުރު ދުވަހު ހިނގި އެ ހާދިސާއާ ގުޅޭގޮތުން އއ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހިމަންދޫ އުތުރު ފަރާތު މޫދަށް އެރި އުޅެނިކޮށް ގެނބުނު 18 އަހަރުން ދަށުގެ ދެ ކުއްޖަކު ފުލުހުންނާއި އާންމުންގެ އެހީތެރިކަމާ އެކު ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އެވަގުތު އެ ސަރަހައްދުގައި ހުރި އަންހެނެއްގެ ފަރާތުން ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ރަށުގެ ގޮނޑުދޮށުން ފެށިގެން ގާތްގަނޑަކަށް 100 މީޓަރު ދުރުގައި ދެ ކުއްޖަކު ގެނބެމުންދާ މަންޒަރު ފެނުނު ކަމަށް ވެސް އެ ޕޯސްޓުގައި ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި، އެ ދެ ކުދިން ސަލާމަތް ކުރުމަށް ޕޮލިސް ކޮންސްޓަބަލް އިބްރާހީމް ނަބީހް އާއި އެ ރަށު ދިލާސާގެ، މުހައްމަދު އާހިލް ވަގުތުން މޫދަށް ފުންމާލައި، ފަތާފައި ގޮސް އެ ކުދިން ސަލާމަތްކުރި އެވެ. އަދި އެ ކުދިން ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު ފުލުސް ކޮންސްޓަބަލް އާއި އާންމުންގެ މީހާގެ ފޮޓޯ ފުލުހުންގެ ޕޯސްޓުގައި ހިމަނާފައިވެ އެވެ. 

އއ. ހިމަންދޫގައި ގެނބުނު ކުދިން ސަލާމަތްކުރި ޕޮލިސް ކޮންސްޓަބަލް އާއި އެ ރަށުގެ ޒުވާނާ.
އއ. ހިމަންދޫގައި ގެނބުނު ކުދިން ސަލާމަތްކުރި ޕޮލިސް ކޮންސްޓަބަލް އާއި އެ ރަށުގެ ޒުވާނާ.

އެ ހާދިސާގައި ސަލާމަތްކުރީ 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ އެ ދެ ކުދިން ސަލާމަތްކޮށްގެން އެއްގަމަށް ގެނައުމުގައި ހިމަންދޫގެ އިތުރު ދެ މީހަކު ވެސް އެހީތެރިކަން ދިން ކަމަށެވެ. އަދި އެންމެންގެ އެހީތެރިކަމާ އެކު އެ ދެ ކުދިން ސަލާމަތުން އެއްގަމަށް ގެނެވުނު ކަމަށް ފުލުހުން ބުންޏެވެ.

ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގެ ތެރޭގައި އެ ކުދިންނަށް ކޮންމެ ވެސް ވަރަކަށް ލޮނު ބޮވިފައި ވިޔަސް، އެ ކުދިންގެ ހާލު ސީރިއަސް ނޫން ކަމަށާއި، ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ވަނީ އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް މޫދަށް އެރި އުޅުމުގައި ސަމާލުވުމަށާއި ކުޑަކުދިން މޫދަށް އެރި އުޅޭއިރު ބޮޑެތި މީހުންގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށްފަ އެވެ.