ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންނަށް ހާއްސަކޮށް ފްލެޓް މަޝްރޫއުއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ހުޅުމާލޭ ބަލަހައްޓާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ބިން ހަމަޖައްސައި އިއްޔެ އައިލެންޑް އޭވިއޭޝަންއާ އެތަން ހަވާލުކޮށްފަ އެވެ.
އެކަމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. އަދި އައިލެންޑް އޭވިއޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ.
އިޔާސް "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކުރާ އެ ފްލެޓްތައް އެޅުމަށް 12،000 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެ ސަރަަހައްދުން ލިބިފައިވާ ކަމަށެވެ.
ބިން ހަވާލުކުރުމާ އެކު ދެން އަމަލީ މަސައްކަތް ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެތަނުގައި އިމާރާތްކުރާ ފްލެޓުތަކުގެ ތަފްސީލު ފަހުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ އެކި ކުންފުނިތަކުން ވަނީ މީގެ ކުރިން ވެސް ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިފަ އެވެ. އޭގެ ތެރޭގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވެސް ވަނީ ހުޅުމާލޭ ފޭސް 2 ގެ ދެ ޓަވަރުގައި 384 އެޕާޓްމަންޓް ހަދައިފަ އެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސްޓެލްކޯ ފަދަ ކުންފުނިތަކުން ވެސް ފްލެޓް އަޅައި އެތަންތަން މުވައްޒަފުންނަށް ދޫކޮށްފައިވެ އެވެ.