ފުޓްބޯޅަ ދަނޑެއް އެޅުމަށް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި އެފްއޭއެމަށް ދޫކޮށްފައިވާ ބިމުގައި ހަދާފައި ހުރި އިމާރާތެއް ހުސްކުރަން އެފްއޭއެމްއިން އެންގި މައްސަލައިގައި އެ އިމާރާތުގެ ވެރި ކުންފުނި ކަމަށްވާ ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ. 

ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފްއޭއެމްއާ އެކު 2023 ވަނަ އަހަރު އެ ކުންފުނިން އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އަދި އެއްބަސްވުމާ އެއްގޮތަށް އެ ތަނުގައި އިމާރާތެއް ހަދާފައިވާނެ ކަމަށް އެ މައްސަލާގައިވެ އެވެ. 

އެ އިމާރާތް ބޭނުން ކުރަމުން ދަނިކޮށް އެފްއޭއެމްއިން އެއްބަސްވުމަށް އަމަލު ނުކުރަން ނިންމާފައިވާތީ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ކަނޑައަޅައިދީ، އަދި އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަން އަމުރުކޮށްދޭން އެ ދައުވާގައި އެދިފައިވެ އެވެ. އަދި ބިމުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑަޅައިދޭން ވެސް ދައުވާގައި އެދިފައިވެ އެވެ. 

ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައިވާ ގޮތުން ދަނޑުގެ ބިމުން ބައެއް ދިނުމަށްފަހު އެ ތަނުގައި އިމާރާތެއް ހަދަން އެފްއޭއެމްއިން އެއްބަސްވެފައިވަނީ އެފްއޭއެމްގެ ޓާފު ދަނޑުގެ ދެކުނުގައިވާ ކުނިތައް ނަގާ ސާފުކު ރުމަށާއި ޗޭންޖިން ރޫމެއް ހެދުމުގެ މުގާބިލުގަ އެވެ. އަދި އެ ކުންފުންޏަށް ސްޓޭޑިއަމުން 2،700 އަކަފޫޓު ބިމެއް އެފްއޭއެމްއިން ދީފައިވަނީ 25 އަހަރަށެވެ. 

އެ ބިން އެއްވެސް ކުއްޔަކާ ނުލައި ކުންފުންޏަށް ދޫކޮށްފައިވަނީ އެ މަސައްކަތުގެ ބަދަލުގެ ގޮތުންނެވެ. އަދި އެ ދައުވާގައިވާ ގޮތުން އެ މަސައްކަތް އެ ކުންފުނިން ފުރިހަމަކޮށްފައި ވާއިރު އެކަމަށް އެތައް މިލިއަން ރުފިޔާއެއް ކުންފުނިން ހަރަދުކޮށްފައިވެ އެވެ.

ފިއުޗާ ހޯމްސް ކުންފުނިން ވަނީ އެފްއޭއެމްގެ އެންގުމަށް އަމަލު ކުރުން ފަސްކުރުމަށާއި އެތަން ހުސްކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެދޭން ވެސް އެދިފަ އެވެ. 

އެ މައްސަލާގައި އެފްއޭއެމުން ކުރިން ބުނެފައިވާ ގޮތުގައި ބިން ހުސްކުރަން އެ ކުންފުންޏަށް ތަކުރާރުކޮށް އެންގުމުން ވެސް ބިން ހުސްކޮށްފައި ނުވާތީ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. 

އެ ބިމުގައި ދެ ބުރީގެ އިމާރާތެއް އެ ކުންފުނިން ހަދާފައިވާ ނަމަވެސް އިމާރާތް ކުރަން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ނަގާފައި ނުވާ ކަމަށް، އެ ދެ އިދާރާއިން އެފްއޭއެމަށް ލިޔުމުން އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ނަމަވެސް އެފްއޭއެމުން ކުރާ ތުހުމަތުތައް ފިއުޗާ ހޯމްސްއިން ދޮގު ކުރެ އެވެ. އެ ކުންފުނީގެ އޮފިޝަލަކު ބުނެފައިވަނީ ބިން ހުސްކުރަން ދެކޮޅު ނުހަދާ ކަމަށާއި އެ ބިމަށް ކުންފުނިން ކުރި ހަރަދުތަކާއި އަދި ބިން ނަގައިފިނަމަ ކުރިމަތިވާނެ ގެއްލުމުގެ ބަދަލު ލިބުމުން ބިން ހުސްކުރަން އިއުތިރާޒު ނުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.