މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ އިމާރާތެއް ހުސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުން ހުއްޓުވަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފިއުޗާ ހޯމްސް ކުންފުނިން އަނބުރާ ނަގައިފި އެވެ.
ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހިންގާ ފިއުޗާ ހޯމްސް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ކޯޓުން ބޭރުން ހައްލެއް ހޯދަން ހަފުތާއެއްގެ މުއްދަތު ދީފައިވެ އެވެ.
އެ މުއްދަތުގައި ކުރި މަޝްވަރާތަކަށް ފަހު ފިއުޗާ ހޯމްސްއިން ވަނީ ދައުވާ އަނބުރާ ނަގަން ނިންމައި، އެކަން ކޯޓަށް އަންގައިފަ އެވެ. އެހެންވެ ކޯޓުން އިއްޔެ ވަނީ ދައުވާ އަނބުރާ ގެންގޮސް މައްސަލަ ފައިލްކޮށްފަ އެވެ.
ނަމަވެސް، ދައުވާ އަނބުރާ ނަގަން ކުންފުނިން ނިންމީ އެފްއޭއެމާ އެކު ކޮން އެއްބަސްވުމަކަށް އައިސްގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
މައްސަލައިގައި ބޭއްވި ހަމައެކަނި އަޑުއެހުމުގައި ކުންފުނިން ބުނި ގޮތުގައި އެފްއޭއެމްގެ އެންގުމާ އެއްގޮތަށް އަމަލުކޮށްފި ނަމަ އެ ކުންފުންޏަށް އިޔާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ އެވެ. އެފްއޭއެމަކީ އެ ގެއްލުމުގެ ބަދަލު ދެވޭނެ މާލީ ގާބިލްކަން މި ވަގުތު އޮތް ތަނެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ބުންޏެވެ.
އެކަމަށް ރައްދުދީ، އެފްއޭއެމުން ބުނެފައިވަނީ ފިއުޗާ ހޯމްސްއާ އެކު ވެފައިވާ އެއްބަސްވުމުގައި އަގުތައް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އެ އަދަދުތަކީ އެފްއޭއެމަށް އަދާކުރުމުގެ ގާބިލްކަން ހުންނާނެ އަދަދުތަކެއް ކަމަށެވެ.
ފިއުޗާ ހޯމްސް އިން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ އެފްއޭއެމާ އެކު 2023 ވަނަ އަހަރު އެ ކުންފުނިން ހެދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ނިންމާފައިވާ ކަމަށެވެ. އެއްބަސްވުމާ އެއްގޮތަށް އެ ތަނުގައި އިމާރާތެއް ހަދާފައިވާނެ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
އެ އިމާރާތް ބޭނުންކުރަމުން ދަނިކޮށް އެފްއޭއެމުން އެއްބަސްވުމަށް އަމަލު ނުކުރަން ނިންމާފައިވާތީ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ކަނޑައަޅައިދީ އަދި އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތަން އަމުރު ކޮށްދޭން އެ ދައުވާގައި އެދިފައިވެ އެވެ. ބިމުގައި ކުރަމުންދިޔަ މަސައްކަތް ހުއްޓުވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކަނޑަޅައިދޭން ވެސް އެ ދައުވާގައި އެދިފައިވެ އެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައިވާ ގޮތުން ދަނޑުގެ ބިމުން ބައެއް ދިނުމަށް ފަހު، އެ ތަނުގައި އިމާރާތެއް ހަދަން އެފްއޭއެމުން އެއްބަސްވެފައިވަނީ އެފްއޭއެމްގެ ޓާފު ދަނޑުގެ ދެކުނުގައިވާ ކުނިތައް ނަގާ ސާފު ކުރުމަށާއި ޗޭންޖިން ރޫމެއް ހެދުމުގެ މުގާބިލުގަ އެވެ. އަދި އެ ކުންފުންޏަށް ސްޓޭޑިއަމުން 2،700 އަކަފޫޓު ބިމެއް އެފްއޭއެމުން ދީފައިވަނީ 25 އަހަރަށެވެ.
އެ ބިން އެއްވެސް ކުއްޔަކާ ނުލައި ކުންފުންޏަށް ދޫކޮށްފައިވަނީ އެ މަސައްކަތުގެ ބަދަލުގެ ގޮތުންނެވެ. އެ ދައުވާގައިވާ ގޮތުން އެ މަސައްކަތް އެ ކުންފުނިން ފުރިހަމަކޮށްފައި ވާއިރު އެކަމަށް އެތައް މިލިއަން ރުފިޔާއެއް ކުންފުނިން ހަރަދުކޮށްފައިވެ އެވެ.
ފިއުޗާ ހޯމްސް ކުންފުނިން ވަނީ އެފްއޭއެމްގެ އެންގުމަށް އަމަލު ކުރުން ފަސްކުރުމަށާއި އެތަން ހުސްކުރަން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ވަގުތީ އަމުރެއް ނެރެދޭން ވެސް އެދިފަ އެވެ. އެ މައްސަލާގައި އެފްއޭއެމުން ކުރިން ބުނެފައިވާ ގޮތުގައި ބިން ހުސްކުރަން އެ ކުންފުންޏަށް ތަކުރާރުކޮށް އެންގުމުން ވެސް ބިން ހުސްކޮށްފައި ނުވާތީ ކުންފުންޏާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ.
އެ ބިމުގައި ދެ ބުރީގެ އިމާރާތެއް އެ ކުންފުނިން ހަދާފައި ވިޔަސް އިމާރާތް ކުރަން ނަގަން ޖެހޭ އެއްވެސް ހުއްދައެއް ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ނަގާފައި ނުވާ ކަމަށް، އެ ދެ އިދާރާއިން އެފްއޭއެމަށް ލިޔުމުން އަންގާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ނަމަވެސް އެފްއޭއެމުން ކުރާ ތުހުމަތުތައް ފިއުޗާ ހޯމްސްއިން ދޮގު ކުރެ އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ބިން ހުސްކުރަން ދެކޮޅު ނުހަދާ ކަމަށާއި އެ ބިމަށް ކުންފުނިން ކުރި ހަރަދުތަކާއި އަދި ބިން ނަގައިފި ނަމަ ކުރިމަތިވާނެ ގެއްލުމުގެ ބަދަލު ލިބުމުން ބިން ހުސްކުރަން އިއުތިރާޒު ނުކުރާ ކަމަށެވެ.